އަވަސް ވީކެންޑް

ފެޝަންގައި ސާދާ މާހިރެއް، މިވަރެއް ނެތް!

  • ބޮޑެތި ކުންފުނިތަކުގެ ޔުނީފޯމް ފަރުމާކުރި
  • ރިސޯޓުތަކަށް ހާއްސަ ސުވިމިން ވެއާއެއް
  • ފެޝަން ޑިޒައިނަށް ލޯބިކުރޭ

މި ނަން ފެހުމާ ހިސާބުން ހުއްޓާލެވޭކަށް ނެތެވެ. ފެޝަން ޑިޒައިނާއެކޭ ކިޔާފައި ނިންމައެއް ވެސް ނުލެވޭނެ އެވެ. އޭނާގެ ހުނަރު އެ އަށްވުރެ ތަރައްގީ އެވެ. މަސައްކަތް ގިނަ އެވެ. މި ދާއިރާގައި އޭނާހުރީ މަތީ ތައުލީމް ހާސިލްކޮށްގެންނެވެ. ދާއިރާއަށް މީހުން ބިނާކުރަން އެތައް ބަޔަކަށް ކިޔަވައިދީފި އެވެ. މިއީ ފެޝަން ޑިޒައިނާ އަދިި މަޝްހޫރު ފެހުންތެރިޔާ ސާދާ އަލީ އެވެ. އަމިއްލަ މަރުކާގެ ނަމުންނަމަ "ރިވެލި ބައި ސާދާ އަލީ" އެވެ.

"އެންމެ ފުރަތަމަ ހޮބީ އަކަށް ފެހީ. މި ގޮތައް ފަހަނިކޮށް ޔޫތު ސެންޓަރުން ފެނުނީ އިއުލާނެއް މީހުން ބޭނުން ވެގެން ކިޔަވައިދޭން. އޭގެ ކުރީގައި ވެސް ޔޫތު ސެންޓަރުން ފަހާ ކޯހެއް ހެދިން. އެހެންވެ ޔޫތު ސެންޓަރަކަށް ކިޔައިވައިދޭން ދިޔައީ،" ފެހުމުގެ ތެރެއަށް ނުކުމެވެވުނު ގޮތް ސާދާ ކުރުކޮށް ކިޔައިދިނެވެ.

އައްޑުއަށް ނިސްބަތްވާ، ސާދާއަކީ ފެހުމުގެ ހުނަރު ރާއްޖޭގައި ފުޅާކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ދިވެއްސަށް ވާނެ އެވެ. ސާދާވަނީ ޔޫތު ސެންޓަރުގައި ފެހުމުގެ ހުނަރު ކިޔަވައި ދިނުމުގައި މަސައްކަތްތަކެއް ކޮށްފަ އެވެ. ޔޫތު ސެންޓަރުގައި ކުރިއަށް ގެންދާ ފެހުމުގެ ކޯސްތަކުގެ ސިލަބަސް ހެދުމުގައި ވެސް އެންމެ އިސްކޮށް ހުރީ އޭނާ އެވެ. މިއީ އޭނާ ގިނަ ބަޔަކު ދަންނަ ގޮތެވެ. ނަމަވެސް ދެން މި އޮތީ ސާދާގެ ގިނަ ބަޔަކަށް ނޭނގި ހުރި ވާހަކަ ތަކެވެ. ނަމަވެސް މި ވާހަކަތައްމާ ޝައުގުވެރި އެވެ.

ސާދާ ފަހާ މީހެއްގެ ގޮތުގައި މަޝްހޫރު ނަމަވެސް ހަގީގަތުގައި އޭނާ ފަހާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ޝައުގުވެރިކަން އަސްލުހުރީ "ފެޝަން ޑިޒައިނިން" އަށެވެ. ހެދުން ފަރުމާ ކުރުމަށެވެ. ހުވަފެނަނީ ވެސް ފެޝަން ޑިޒައިނިންގެ ދާއިރާ އިން ކުރިއަށް ދިއުމެވެ. އެކަމަށް އޭނާ ހުރީ ފެން ބޮވައިގެންފަ އެވެ. އޭނާއަށް ފެޝަން ޑިޒައިންގެ ދޮރުތައް ހުޅުވުނީ ސްރީލަންކާގައި ހެދި ޑިޕްލޮމާ ކޯހަކުންނެވެ.

"ހޮބީއަކަށް ކޮށްފަ މީގެ ތެރެއަށް ވަތްނަމަވެސް އަސްލު ބޭނުމެއް ނުވޭ ފަހާކަށް. ބޭނުންވަނީ ފެޝަން ޑިޒައިނިންގެ ދާއިރާ އިން ކުރިއަށް ދާން. ޔޫތު ސެންޓަރުގައި ފެއާ އަކުން ދިމާވީ ސްރީލަންކާ ބަޔަކާ ދިމާވެގެން އެ މީހުންނާއެކު ސްރީލަންކާ އަށް ގޮސް ފެޝަންގެ ދާއިރާ އިން ކިޔެވީ،" ސާދާ ބުންޏެވެ.

ސްރީލަންކާ އިން ކޯހެއް ހެދުމަށްފަހު އޭނާ ހުއްޓާލީއެއް ނޫނެވެ. އެ އަށްފަހު ދެން އޭނާ ދިޔައީ އިނގިރޭސިވިލާތަށެވެ. އެ ގައުމުގައި ފެޝަން ޑިޒައިނިންގެ ދާއިރާ އިން ތިން އަހަރުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރި އެވެ. އަދި އެނބުރި ރާއްޖެއައީ ދިވެހިންނަށް މުޅިން އާ ހިޔާލުތަކެއް ހިފައިގެންނެވެ. މި ދަތުރުގައި ދަސްވި ކަންތައްތަކާއެކު ރާއްޖެ އައިސް ވިޔަފާރިއެއްގެ ބިންގާ އެޅި އެވެ.

ދެން މި އޮތީ ސާދާގެ އެންމެ ހާއްސަ އެއް ތަޖުރިބާގެ ވާހަކަ އެވެ. އޭނާ އިނގިރޭސިވިލާތުގައި ފެޝަންގެ ދާއިރާ އިން ކިޔަވަން ލިބުނު ފުރުސަތަކީ ދިރިއުޅުން ބަދަލު ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ކޮލެޖެއްގައި ހޭދަކުރި ދުވަސްތަކަކީ ދިރިއުޅުމުގެ މުޅިން ތަފާތު ތަޖުރިބާއަކަށްވި އެވެ. މި ދަތުރުގައި އޭނާ ގިނަ ކާމިޔާބު ތަކެއް ހޯދި އެވެ. އިނގިރޭސި ވިލާތުގެ ބައެއް ފެޝަން މަޖައްލާތަކުން ވެސް ސާދާގެ މަސައްކަތް ފާހަގަ ކުރި އެވެ.

"މިއީ ހުވަފެނެއް ފަދަ ކަމެއް. ލަންޑަންގައި ކިޔެވިއިރު ރިސާޗް ހަދަން މި ޖެހެނީ އަމިއްލައަށް. މި މަސައްކަތުގައި ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބުނު. މިއީ ބޮޑު ކާމިޔާބީއެއް،" ސާދާގެ ތަޖުރިބާ "އަވަސް" އާ ހިއްސާ ކުރި އެވެ.

އޭނާ ބުނި ގޮތުގައި ޑިގްރީގައި މުޅިންއާ ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށެވެ.

"އެޑިއުކޭޝަނަލް ލެވަލްއަށް ދިޔައީމަ މުޅިންއާ ދާއިރާއެއް މި އަންނަނީ. ޑިގްރީގައި ކިޔަވައިދޭ މާކެޓިން، ޕްރޮޑަކްޓްތައް މާކެޓަށް ނެރެން. މީގައި ކިޔަވައިދޭ ފެޝަން ސައިޑަކާ. އިންޑަސްޓްރިއަލް ޕްރޮޑަކްޝަން ލެވަލް. ޕެޓަން މޭކާއި ޕްރޮޑަކްޝަން. މީގެ އިތުރުން ޑިޒައިނާއަކަށްވުމާއި އިލަސްޓްރޭޓާ އަކަށްވުމާއި ސްޓައިލިސްޓަކަށްވުމާއި ފެޝަން ފޮޓޯގްރަފީ ފަދަ ދާއިރާ ތަކެއް،" ސާދާ ބުންޏެވެ.

ސާދާ ކިޔައިވައިގެން އައިސް ބޭނުންވަނީ ގިނަ ބަޔަކު މި ދާއިރާ އިން ތަމްރީން ދޭށެވެ. ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހުރަހަކީ މާލޭގައި އެކަމަށް އެކަށީގެންވާ ތަނެއް ނުލިބުމެވެ. އާއްމު އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް މާލޭގެ ބިމުގެ ކުލިމަތިވުމެވެ.

"މިހާރު ބޮޑެތި އޯޑަރުތައް ނަގައިގެން ވެސް މަސައްކަތް ކުރެވޭނެ. މެންސް ވެއާ ވެސް ފަހަން. ވިމެންސް ފެއާ ވެސް. ޕެޓަން މޭކިން އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހަދަން،" ސާދާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި "ފެޝަން ޑިޒައިނަށް" މާބޮޑު ޑިމާންޑެއް ނެތްނަމަވެސް ކަސްޓަމް މޭޑް ހެދުން ފެހުމަކީ ބޮޑު ޑިމާންޑެއް ރާއްޖޭގައި އޮތް ދާއިރާއެއް ކަމަށެވެ.

"ފެޝަން ޑިޒައިން ޑިގްރީއެއް ހަދައިގެން އައިސް އަސްލު މާބޮޑު ސެލިން ޕޮއިންޓެއް ރާއްޖެއަކު އަދިނެތް. އެކަމަކު މުސްތަގުބަލުގައި ރަނގަޅު ވެދާނެ. މިސާލަކަށް ފެޝަން ޑިޒައިނިން ހެދުންތަކެއް ހަދައިގެން އެ ޖަޖް ކުރެވޭނެ ބަޔަކު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ރާއްޖެއަކު ނެތް،" ސާދާ ބުންޏެވެ.

ފެޝަން ޑިޒައިނަށް، ރާއްޖޭގައި ދޮރުތަކެއް ހުޅުވިނެތް ނަމަވެސް މި ދާއިރާ އިން ސާދާ ވަނީ ގިނަ ކުރިއެރުން ތަކެއް ހޯދާފަ އެވެ. މަޝްހޫރު ބޮޑެތި ޕްރޮޖެކްޓްތަކެއްގައި ވެސް މަސައްކަތްތައް ކޮށްފަ އެވެ. މިގޮތުން ފެޝަން ޑިޒައިންގެ ތެރެއިން ޓޫރިޒަމް ދާއިރާގައި ގިނަ ފުރުސަތުތައް އޭނާއަށް ލިބިފައިވެ އެވެ.

މި ދާއިރާ އިން ސާދާ ވަނީ ކޮކޯ ޕާމް ރިސޯޓުގައި ބޭނުންކުރުމަށް ހާއްސަ ބީޗް ވެއާ ޑިޒައިނެއް ފަރުމާކޮށްދީފަ އެވެ. ގެސްޓް ފިހާރަތަކަށް ވެސް މިފަދަ ފަރުމާކޮށް ވަނީ ހަދައިދީފަ އެވެ. މީގެ އިތުރުން "ފްލައިމީ" ގެ ފުރަތަމަ ޔުނީފޯމު ވެސް ފަރުމާކުރީ ސާދާ އެވެ. އަދި އިސްލާމިކް ބޭންކު ހުޅުވިއިރު ބޭނުންކުރި ޝޫޓްތައް ވެސް ފެހީ އޭނާ އެވެ. މީގެއިތުރުން ދަމާސް ފާނީޗާގެ ޔުނީފޯމާއި މެޑިކާ ހޮސްޕިޓަލްގެ ޔުނީފޯމް ވެސް ފަހަނީ އޭނާ އެވެ. މީގެ އިތުރުން އަހުމަދިއްޔާ ސްކޫލްގެ "އޭލެވެލް" ޔުނީފޯމާއި ތާޖުއްދީން ސްކޫލްގެ ޔުނިފޯމް ވެސް ފަރުމާކުރި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޔުނީފޯމް ވެސް ސާދާ ފަރުމާކުރި އެވެ.

"އަޅުގަނޑު ވަރަށް ކުރާ ހިތްވާކަމެއް ތަންކޮޅެއް ބަލްކުކޮށް ތަކެތި ނަގައިގެން ފެކްޓްރީ ލެވަލްގައި މަސައްކަތް ކުރުމަކީ. އަޅުގަނޑުމެންގެ މި އިންވެސްޓްމަންޓުގައި އެބަހުރި ހައި އެންޑް އެވަލްގެ ޓީޝާޓްގައި ބާޓިކް ޖަހާފަ ނިންމާލެވޭ ވަރުގެ މެޝިނަރީ. ޓީޝާޓް އެއްޗިހި ހެދޭނެ. ނަމަވެސް މަސައްކަތް ކުރުމަށް ތަނެއް ލިބުމުގެ ދަތިކަން އޮންނަނީ. ނަމަވެސް އިރާދަކުރެއްވިއްޔާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ،" ސާދާ ބުންޏެވެ.

"މި މަސައްކަތުގައި މުސްތަގުބަލް ނެތެކޭ ނުބުނުވޭނެ. ނަމަވެސް ބޮޑުކޮށް ކުރަން ދަތިވާނެ. ނަމަވެސް ކުޑަ ފަހާ ތަނެއް ހުޅުވައިގެން ހިނގައިފާނެ. ނަމަވެސް ކުރާ ހިތްވަންޏާ އެކަމެއް ކޮށްފާނެ. ކުލީގެ ހައްލެއް އައިސްގެން މި ފަދަ ކަންކަން ކުރެވޭނީ."

ސާދާ ގަބޫލުކުރާ ގޮތުގައި މި ދާއިރާ އިން ކުރިއަށް ދިއުމުގައި އާއިލާ މުހިންމު ދައުރެއް އަދާކުރެ އެވެ.

"މީގައި އާއިލާ އެންމެ މުހިންމު ދައުރެއް އަދާކުރަނީ. މީގެ އިތުުރުން ރަހުމަތްތެރިންގެ ވަރަށް ސަޕޯޓް ލިބޭ. އަޅުގަނޑު ދަންނަވާނީ ކަސްޓަމަރުންގެ ސަޕޯޓް ލިބޭ،" ސާދާ ބުންޏެވެ.