އަހުމަދު އަރީފް

ސިޔާސީ ފަރާތްތަކަށް ފޫއަޅުވާ ނުލެވޭހާ ފުލުހުންގެ އަޒުމު ވަރުގަދަވާންޖެހޭ: ސީޕީ

ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ފުލުހުންގެ ހިތުގެ އަޒުމު ވަރުގަދަވާން ޖެހޭ ކަމަށާއި އަމާނާތްތެރިކަމުގެ މަތިވެރި އަޒުމް ފުލުހުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި، ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ، ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ނުވަތަ އެކަމުގެ ސިއްރަކަށް ހަދަންވީ އަމާނާތްތެރިކަމުގެ މަތިވެރި އަޒުމް ކަމަށާއި ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ފުލުހުންގެ ހިތުގެ އަޒުމު ވަރުގަދަވާންޖެހޭ ކަމަށެވެ. އަދި ގައުމާއި ދީނުގެ އަދާވާތްތެރިންނަށް ހުޅުވޭ ވަރަށްވުރެ ފުލުހުންގެ އަޒުމާއި ހިތްވަރުގެ ތަޅުތައް ވަރުގަދަވާންޖެހޭ ކަމަށެވެ.

"ފުލުހަކީ ނުވަތަ ފުލުހުންނަކީ 'ހިދުމަތްކުރަން – ހިޙިމާޔަތްކުރަން' ތިބި ބައެއް. ހިދުމަތްކުރަނީ އިންސާނިއްޔަތަށް. ހިމާޔަތް ކުރަނީ އިންސާނުން، އިންސާނުންގެ މުދަލާއި ފުރާނަ. ހިމާޔަތްކުރެވެނީ އަމާނާތްތެރިވެގެން، އިހުލާސްތެރިވެގެން. އަމާނާތް ފެށެނީ ކީރިތިވަންތަ ﷲ އާ ހަމައިން. އަމާނާތް އިންސާނާއާ ހަވާލު ކުރެއްވީ އެކަލާނގެ. އެހެންކަމުން ފުލުހުންގެ ހިދުމަތް ފެށެންވީ އަދި އެ ހިދުމަތް ބިނާވެގެން އަންނަންވީ އަމާނާތްތެރިކަމުގެ ތަރަހައިގެ މަތީގާ. އިހްލާސްކަމުގެ ބިންގަލުގެ މަތީގާ،" ސީޕީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާއި ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް، އިލްތިމާސް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ޔުނީފޯމަށް އިތުރުވެގެންދިޔަ ވިދުންތަކާއި ހައިބަތު ރަމްޒުކޮށްދެނީ މި ގައުމަށް އަމާނާތްރިވުމާއެކު، މުރާލިކަމާއި ހީވާގިކަން ކުރިއަށްނެރެ އަދާކުރާ ވާޖިބާއި ޒިންމާގައި ފަރުވާތެރިވުން ކަމަށެވެ. އޭގެ އިތުރުން، ޔުނީފޯމަށް އަންނަ މިފަދަ ކޮންމެ ވިދުމަކާއެކު ބޮޑުވެގެންދާ މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރަންޖެހޭ ކަމަށާއި މި އަމާނާތް ހިތުން ކެހިގެން ގޮސްގެން ނުވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސީޕީ އިތުރަށް ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި އަމާނާތްތެރިވުމާއި އިހުލާސްތެރިވުމުގެ ތެރޭގައި ހަމަހަމަކަމާއެކު އަމިއްލަ ޒިންމާ އުފުލުން ކުރިއަށް ނެރެންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ނަޒާހާތްތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ވަޒީފާއަކީ ފަސޭހަ ވަޒީފާއެއް ނޫން ކަމަށާއި ޑިއުޓީއަށްނުކުމެ މައްސަލަތަކާ ކުރިމަތިލާއިރު މުޖުތަމައުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އެގޮތުން، ހަގީގީ ފުލުހެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މި ގޮންޖެހުންތަކާ ކުރިމަތިލައި ޕްރޮފެޝަނަލް ފުލުހެއްގެ ސިފަ އަޅުގަނޑުމެން ދައްކަން ޖެހޭ ކަމަށެވެ.

"އޭރުން އާންމު ރައްޔިތުންގެ ހިތްތައް ވެސް ތާރީފުގައި އަޅުގަނޑުމެންނާ [ފުލުހުންނާ] ދިމާއަށް ލެނބޭނެ. ފަހަރެއްގައި ވެސް އަޅުގަނޑު މި ދެންނެވީ ކުށްކުރާ މީހުންނާ މެދު ވަކި ގޮތަކަށް ލުއިކޮށް ކަންކަން ދޫކޮށްލާށެކޭ ނޫން. މައިގަނޑު ނުކުތާއަކީ ގަވާއިދުގެ ތެރޭން އަޅުގަނޑުމެންގެ[ފުލުހުންގެ] ވާޖިބު އަދާ ކުރަމާ ހިންގަވާށޭ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ގައުމަށާއި ދީނަށާއި ވެރީންނަށް އިހުލާސްތެރިވެ، އަޒުމާއި އީމާނާއި ނަޒާހާތްތެރިކަމުގެ ގާބިލް ފިޔަވަޅުމަތީގައި ސާބިވެތިބެ، ފުލުހުންނަށް ހުށަހެޅޭ ނުރަނގަޅު ނުފޫޒުތަކުގެ ކުރިމަތީގައި ފުލުހުންގެ ތޮށިހަރުކަން ދައްކައި ފުލުހުންގެ މުއައްސަސާގެ އަގު ހިފަހައްޓަންޖެހޭ ކަމަށެވެ.