ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އަށް ފުރަތަމަ ފަހަރަށް އަންހެން ސެކްރެޓަރީ ޖެނެރަލެއް ހަމަޖައްސައިފި އެވެ.
މި މަގާމަށް ހަމަޖައްސާފައިވަނީ ސެނެގާލްގެ ފާތިމާ ސަމްބާ ދިއޫފް ސަމޫރާ އެވެ. އުމުރުން 54 އަހަރުގެ ސަމޫރާ އަކީ 21 އަހަރު އދ.ގައި ވަޒީފާ އަދާކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ ފީފާގައި މަސައްކަތް ކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
"އޭނާ ވަނީ ޓީމެއް ބިލްޑްކޮށް، ލީޑް ކުރުމުގައި އޭނާގެ ގާބިލްކަން ސާބިތުކޮށްދީފައި. އަދި އޮގަނައިޒޭޝަނެއް ކުރިއަށް ގެންދިއުމުގައި ވެސް. ޒިންމާދާރު ކަމާއި ދެފަރާތް ފެންނަ ގޮތަށް ކަންކަން ބައްޓަންކޮށް އޮގަނައިޒޭޝަން ވެލިއުސް ހިފެހެއްޓުމުގައި އޭނާގެ ގާބިލްކަން އެބަހުރި،" މެކްސިކޯގައި ބޭއްވި ފީފާގެ ކޮންގްރެސްގައި ސަމޫރާއާ ބެހޭ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނީ ވިދާޅުވި އެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާމީހަކު މިގެނައީ ފާއިތުވެދިޔަ 12 އަހަރު އެ މަގާމުގައި ހުރި ޖެރޯމް ވަލްކޭ ކޮޕަރްޝަނުގެ މައްސަލާގައި ފުޓްބޯޅައިގެ ހަރަކާތްތަކުން 12 އަހަރަށް ސަސްޕެންޑްކުރުމުންނެވެ.
ސަމޫރާ އަކީ ކާކު:
އދ. ގައި ސަމޫރާ މަސައްކަތް ކުރަން ފެށީ އެންމެ ފުރަތަމަ ސީނިއާ ލޮޖިސްޓިކްސް އޮފިސަރަކަށެވެ. އޭގެ ފަހުން އެފްރިކާގެ ހަ ގައުމެއްްގެ މަންދޫބެއްގެ ގޮތުން އޭނާ މަސައްކަތްކުރެއްވި އެވެ.
"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް، އަހަރެން ފަހުރުވެރިވަން މި މަގާމު އަދާކުރަން ލިބުމުން. މިއީ އަހަރެންގެ ހުނަރާއި ލިބިފައިވާ ތަޖުރިބާ އަށް ބަލާއިރު އަހަންނަށް ވަރަށް ފިޓްޖޮބެއް. މިއީ ޓީމް ބިލްޑިން އާއި އިންޓަނޭޝަނަލް ރިލޭޝަންސްއާ ވަރަށް ބޮޑަށް ގުޅިފައިވާ ޖޮބެއް. ފީފާ ކުރިއަށް ގެންދިއުމުގައި މިއީ ވަރަށް މުހިންމު ދާއިރާއެެއް،" ސަމޫރާ ބުންޏެވެ.
ފީފާގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ސަމޫރާ ހަމަޖެއްސުމުން ފީފާގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ މިއީ ރަނގަޅު ބަދަލެއް ކަމަށް ބުނެފަ އެވެ. އެއީ ކުރިއާ ހިލާފަށް ރައީސްގެ ބާރުތައް ބަހާލެވި އަދި އާބަދަލުތަކަކާއެކު ފީފާގެ މަސައްކަތްތައް ފަށައިގަންނައިރު، ފަސްބައި ހަޑިނުވެތިބި އަދި ތަޖުރިބާކާރު މީހުން ފީފާ އަށް ގެނައުން މުހިންމު ކަމަށް ބަލާފަ އެވެ.