މޮނިކޮން އޯޑާ

ގޭންގް މާރާމާރީތަކާ ގުޅިގެން މޮނިކޮން އަމުރުތަކެއް ނެރެނީ

  • އަމުރުތައް ނެރުމަށް މިނިސްޓަރު އުމަރު ވަނީ އަންގަވާފަ
  • ގޭންގް މާރާމާރީތަކަށް ފުރުސަތު ނުދޭނެ
  • ޓެގް އެޅުވި މީހަކު މާރާމާރީގައި ބައިވެރިނުވޭ

މިފަހުން މާލެ ތެރޭގައި ހިނގާދިޔަ ގުރޫޕް މާރާމާރީތަކުގައި ބައިވެރި ގޭންގްތަކުގެ ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ. މިކަން މިނިސްޓަރު އުމަރު ވަނީ "އަވަސް"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ، ސިލްސިލާކޮށް ހިނގާދިޔަ މާރާމާރީތަކުގައި ބައިވެރި މީހުން ހައްޔަރުކޮށްފައިވާނެ ކަމަށާއި އެ ގޭންގްތަކުގެ ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރުނެރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާރާމާރީ ހިންގާ އަމާން ނަގާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ގޭންގްތަކުން މާރާމާރީތައް ހިނގާނަމަ އެ ގޭންގްތަކުގެ ލީޑަރުންގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މާރާމާރީތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން އެނގިލައްވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ މައްޗަށް މޮނިކޮން އަމަރު ނެރޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މޮނިކޮންގެ ނިޒާމް ރަނގަޅު ކަމަށާއި ޓެގް އެޅުވި އެކަކު ވެސް މިހާތަނަށް މާރާމާރީއެއްގައި ބައިވެރިވެފައިނުވާ ކަމަށެވެ. މޮނިކޮންގެ ގަވައިދާ ހިލާފުވި އެކަކު ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހައިކޯޓުން ނެރޭ މޮނިކޮން އަމުރުގައި މޮނީޓާކުރުމުގެ ގޮތުން ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާއި ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރު އުމަރު ނަސީރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން ހިމެނޭ އިރު އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުމަށް އަންގާފައިވެ އެވެ.

މި އަމުރު މިހާތަނަށް 20 އަށްވުރެ ގިނަ މީހުންގެ މައްޗަށް ނެރެފައިވެ އެވެ.