އުމަރު ނަސީރު

މޮނިކޮން ހިންގަން އުމަރަށް ދެން އަންގާނީ ކޮމެޓީއަކުން

Jun 19, 2016
9
  • ކޮމެޓީ އޮތުމަކީ އެންމެ ރަނގަޅު ގޮތް
  • ބޭނުމީ ހުރިހާ ބާރެއް އަޅުގަނޑަށް އޮންނަން
  • މިހާރު ތުހުމަތުތައް ކުޑަވެގެންދާނެ

ނުރައްކާތެރި ކުށްވެރިންގެ މައްޗަށް ހިންގާ މޮނިކޮން އަމުރު ނެރުމާއި އެ އަމުރު ހިންގަން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދައި މޮނިކޮން ހިންގުމުގައި ހޯމް މިނިސްޓަރަށް ދީފައިވާ ފުރިހަމަ ބާރު ކުޑަކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މޮނިކޮން އޯޑާ ހިންގުމުގެ އަމުރަށް އެދޭނީ ވެސް އަދި އެ ބާރު ވެސް އޮންނާނީ ހޯމް މިނިސްޓަރަށް ކަމަށެވެ. ރައީސް މިހާރު އުފެއްދި ކޮމެޓީއަކީ ހޯމް މިނިސްޓަރަށް އެކަމުގައި ލަފާ އަރުވާ އެޑްވައިޒަރީ ކޮމެޓީއެއް ކަމަށާއި އޭގެ ސަބަބުން މޮނިކޮންގައި ހޯމް މިނިސްޓަރުގެ ޑިކްޓޭޓަޝިޕް ކުޑަވެ ބާރު ބެހިގެންދާ ކަމަށެވެ.

އަލަށް އުފެއްދި ކޮމެޓީގައި ތިއްބަވަނީ މިނިސްޓަރު އުމަރާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ.

މިނިސްޓަރު ވިދާޅުވީ މޮނިކަން އަމުރު ހިންގުމުގައި އަދިވެސް އަމަލު ކުރަމުންދާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށާައި ރައީސް އުފެއްދެވި ކޮމެޓީ އުފައްދަވާފައިވަނީ ރައީސް އިސް ނަންގަވައިގެން ކަމަށެވެ.

"އަޅުގަނޑު އެގޮތަށް އެދިގެނެއް ނޫން ރައީސް އެ ގޮތަށް ނިންމެވީއަކީ އެއީ ސީދާ ރައީސްގެ ނިންމެވުމެއް. އަދިވެސް އަޅުގަނޑުގަނޑު އެދޭ ގޮތަކީ މޮނިކޮންގެ ކަންތަކުގައި ފުރިހަމަ ޑިކްޓޭޓަޝިޕް އަޅުގަނޑަށް އޮތުން، އެކަމަކު މޮނިކޮންއާ ގުޅިގެން ވަރަށް ގިނަ ތުހުމަތުތައް އަޅުގަނޑަށް ކުރޭ، ވަރަށް ގިނަ އިލްޒާމްތައް އަޅުގަނޑު ބޮލުގައި އަޅުވާ، އެހެންވީމާ ރައީސް މިހާރު އެ ހެއްދެވި ގޮތުން އެ ބާރު ބެހިގެން ދާނެ، އެހެން ދިއުމުން އަޅުގަނޑަށް ކުރާ ތުހުމަތުތައް ކުޑަވާނެ، މިއީ ރަނގަޅު ގޮތް، އެކަމަކު އަޅުގަނޑު އެދޭ ގޮތަކީ އަޅިގަނޑު އަތުގައި ފުރިހަމަ ކޮންޓްރޯލް އިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާއަކީ ވަރަށް ހަރުކަށި މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާ ކުރުމުގައި ހަގީގަތެއް ވެސް ވެދާނެ ކަމަށާއި އެކަމަކު އޭނާ ގަބޫލު ކުރައްވާ ގޮތުގައި "ބައެއް ކަހަލަ މޮހޮރު ދުއްވާލެވޭނީ ބާރު ހުރި އަތަކުން ސީދާ މޮހޮރުގެ ބޮލުގައި" ޖަހައިގެން ކަމެވެ. އެގޮތުން މޮނިކޮންގެ އަމުރު ހިންގުމުގައި ރައީސް އެންމެ ރަނގަޅު ގޮތް ހިޔާރު ކުރެއްވި ނަމަވެސް އޭނާ އެންމެ އެދި ވަޑައިގަންނަވާ ގޮތަކީ އެއްވެސް ލަފަޔާ ނުލައި ސީދާ ބާރު މިނިސްޓަރަށް އޮތުމެވެ.

މޮނިކޮންގެ މައްސަލާގައި ހޯމް މިނިސްޓަރު ވެސް ހިމެނޭ ގޮތަށް ކުއްލިއަކަށް އެޑްވައިޒަރީ ކޮމެޓީއެއް އުފެދި އެ ކޮމެޓީގެ ލަފަޔާ އެއްގޮތަށް މޮނިކޮން ހިންގަން ނިންމި އިރު ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިފައިވާ ސިޔާސީ ޕާޓީ އެމްޑީއޭގެ "ޒުވާނުންގެ އުއްމީދު" ގެ ނަމުގައި ހަދާފައިވާ ވައިބާ ގުރޫޕެއް ކަމަށް ތުހުމަތުވާ ގްރޫޕެއްގެ ސްކްރީންޝޮޓްތަކެއް ކަމަށް ބުނާ ކެޕްޗާ ފޮޓޯތަކެއް އިއްޔެ އާންމުވެ މޮނިކޮންއާ ގުޅޭ މައްސަލަތަކެއް ވަނީ އުފެދިފަ އެވެ.

އެމްޑީއޭގެ ވައިބާ ގްރޫޕެއް ކަމަށް ބުނާ އެ ގްރޫޕްގައި ޓެގް އަޅުވާފައި ހުރި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ސަޓޯއަކީ އެމްޑީއޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ޒުވާނެއް ކަމަށް ވެސްބުނެފައި ވެއެވެ. އަދި ބުނަނީ އޭނާއަކީ މާރާމާރީ ހިންގާ ޖިނާއީ ކުށްތަކަށް އަރައިގަންނަ ޒުވާނެއް ނޫން ކަމަށެވެ. ސަޓޯގެ ފައިގައި ޓެގް އަޅުވާފައިވަނީ އޭނާއަކީ ކާކުތޯ ނުބަލައި މައުލޫމާތު ވެސް ސާފު ނުކޮށް ކަމަށެވެ.

އަދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު ރީހާން ކަމަށް ބުނާ މީހަކު ވަނީ ސަޓޯގެ "ކަންތަކުގައި" އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މައުރޫފް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ގްރޫޕްގެ ތެރޭގައި ވިދާޅުވެފަ އެވެ.

އެ މައްސަލައަށް ފަހު މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ ސަޓޯ އަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށެވެ.