ހަބަރު

މުންކޮ މިފަހަރު ނުކުންނަނީ ބުލީކުރުމާ ދެކޮޅަށް!

ބްލީކުރުމާ ދެކޮޅަށް "ދަ ބިގް ބޭޑް ވޮލްފް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ޕްލޭއެއް ތިއޭޓާ މިރާޖުން ބާއްވަން ނިންމައިފި އެވެ. މި ޕްލޭ އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

މި ޕްލޭއާ ގުޅޭގޮތުން މައުލޫމާތު ދެމުން ތިއެޓާ މިރާޖްގެ ފައުންޑާ މުހައްމަދު މުންތަސިރު (މުންކޮ) ބުނީ، މިއީ ބްލެކް ލައިޓް ތިއޭޓާއެއް ކަމަށާއި ޕްލޭ ހާއްސަކޮށްފައިވަނީ ތިން އަހަރާއި 10 އަހަރުގެ ކުދިންނަށް ކަމަށެވެ. ބްލެކް ލައިޓް ތިއޭޓާގައި ޕްލޭ ހުށަހަޅައިދެނީ ޔޫވީ ލައިޓާއި ފްލޮރިޒެންޓް ކޮސްޓިއުމްސް ބޭނުންކޮށްގެންނެވެ.

ދެ ދުވަހަށް މި ޕްލޭ ކުރިއަށް ގެންދާއިރު، ހުކުރު ދުވަހު ހަތަރު ޝޯ އަދި ހޮނިހިރު ދުވަހު ތިން ޝޯ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ކޮންމެ ޝޯއަކީ 35 މިނެޓްގެ ޝޯއެކެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ. ޓިކެޓް ވިއްކާނީ ޝްވެކް ސިނަމާއިންނެވެ.

ޝޯ އޮންނާނީ ގިޔާސުއްދީން ސްކޫލް ހޯލުގަ އެވެ.

މުންކޮ ބުނީ، ކުޑަކުދިންނަށް ހާއްސަކޮށްގެން މި ޕްލޭ ހުށަހަޅައިދޭއިރު، ޕްލޭގެ ވާހަކައަކީ ކުދިންނަށް ހާއްސަ ވާހަކަތަކާއި ރައިމްސްތައް ހިމަނައިގެން ލިޔެފައިވާ ވާހަކައެއް ކަމަށެވެ. ވާހަކަ ލިޔެފައިވަނީ ޔަސްމީން އަދި އަމްނީ އެވެ. ޕްލޭގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ ޝާމިންނެވެ.