ރާއްޖެ ކުޅިވަރު

ފަހަތުން އަރައި ވެެލެންސިއާ ބަލިކޮށް، މާޒިޔާ އެއްވަނަ އަށް

ވެލެންސިއާ ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާ ހަމަޖެހިލައިފި އެވެ.

ދޭތެރެ ދޭތެރެއިން ވެހުނު ބޯވާރޭގެ ތެރޭގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނިޓްގައި ޖެހީ ވެލެންސިއާގެ ފޯވަޑް ހަންސްލީ އަވީލޯ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ހަމަހަަމަކޮށްދިނީ އައްސަދު އަލީ (އަޑުބަރޭ) އެވެ. މެޗުން މާޒިޔާ މޮޅުވި ލަނޑު ޖެހީ ފަހު ހާފުގައި ކުޅެން ނުކުތް ފްރާންސް ފޯވަޑް މީކާއީލް ޔޫސުފެވެ.

މިމޮޅާއެކު މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މެލޭޝިޔާ ލީގުގައި އެންމެ ފަހުން ކުޅުނު މި ކުޅުންތެރިޔާ އަކީ އަރިމަތިން ތަފާތުކޮށް ކުޅޭނެ ކުޅުންތެރިއެއް ކަމަށެވެ.

"އެކަމަކު މިއަދު އޭނާ އަށް އަސްލު ކުޅުމެއް ނުދެއްކުނު. އޭނާ އަކީ ތަފާތުކޮށް ކުޅޭނެ ކުޅުންތެރިއެއް. ދެން މެޗުން މޮޅުވެވުނީމަ ހިތްހަމަޖެހޭ. އެއީ މި މެޗަކީ ފުރަތަމަ ބުރުގައި މާޒިޔާ އަށް ކުރިމަތިވާން އެންމެ ބޮޑު ޗެލެންޖަށްވާނެ. އެހެންވީމަ އެކަމުން ސަލާމަތްވެ މެޗު ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްް " ސުޒޭން ބުންޏެވެ.

އާއްމުކޮށް ތަފާތު ކުލަތަކުގެ ހެދުން އަޅައިގެން ބެންޗުގައި ހުންނަ ސުޒޭން މިއަދުގެ ހުރީ ހުސް ކަޅުންނެވެ. އެއީ އޭނާގެ މައިދައިތަ ހ. ބޮޑުކޮށީގޭ ފާތިމަތު މަނިކެ ހުސްވި ހަފުތާގައި ނިޔާވެފައިވާތީވެ އެކަމުގެ ހިތާމައިގަ އެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ ވެލެންސިއާއިން ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް ރަނގަޅު ފޯވަޑަކު ނެތުމުން ގޯލު ނުޖެހެނީ ކަމަށެވެ.

"ޓެކްޓިކަލް ޑިސިޕްލިން ކުޑަކޮށް ދަށްކޮށް ދިޔައީ. އެހެންނޫނީ މެޗު ގޯހެއްނޫން. ވެލެންސިއާގެ އެޓޭކިން ދަށް ވަނީ ރަނގަޅު ފޯވަޑަކު ނެތުމުން،" އިގްބާލް ބުންޏެވެ.

ލީގުގައި މިރޭ ކުޅޭނީ ހަތަރު ޕޮއިންޓާއެކު ތިން ވަނާގައި އޮތް އީގަލްސް އާއި ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައި އޮތް ވިކްޓަރީއާ އެވެ.