ސްރީލަންކާ

ސްރީލަންކާގެ އަޔުރްވެދާ އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް

ސްރީލަންކާގެ ނެޝެނަލް ޗެމްބާސް އޮފް ކޮމާސް އިން އިންތިޒާމުކޮށްގެން އަންނަ ޖުލައިމަހު ވެރިރަށް ކޮލަމްބޯގައި ބާއްވަން ނިންމާފައިވާ "އިންޓަނޭޝަނަލް އިންޑިޖިނަސް ހެލްތުކެއާ އެގްޒިބިޝަން – އަޔުރުވެދާ އެކްސްޕޯ 2016" ގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ލިބިއްޖެ އެވެ.

ޖުލައި މަހުގެ 8 އިން 10 އަކަށް ސްރީލަންކާގައި ބާއްވާ އެ އެކްސްޕޯގައި ބައިވެރިވާން ދައުވަތުދީފައިވަނީ ރާއްޖޭގެ އެކި ކުންފުނިތަކާއި ޝައުގުވެރިވާ ވަކި ފަރާތްތަކަށެވެ. އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ތިން ދުވަހުގެ އެކޮމަޑޭޝަން ސްރީލަންކާގެ އެކްސްޕޯ ޑިވެލޮޕްމަންޓް ބޯޑުން ހަމަޖައްސައިދޭނެ ކަމަށް އެފަރާތުން ވަނީ އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ރާއްޖޭގައި ހިންގާ ހޮސްޕިޓަލް، ކުލިނިކް، އަދި ދިވެހިބޭސް ކުރާ ފަރާތްތަކުގެ ތެރެއިން، މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ގެ ކުރިން ސިޓީ ހުށަހެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގާފަ އެވެ.