ހާމިދު އިސްމާއިލް

ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށް ހާމިދު ސޭޓް އެދިއްޖެ

ކެރެކްޝަންސްއިން ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދެމުން ނުދާ ކަމަށް ބުނެ ބޭރަށް ދިޔުމުގެ ހުއްދައަކަށް ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް އެދިއްޖެ އެވެ.

މިއަދު އޮތް ހާމިދުގެ ހިޔާނާތުގެ މައްސަލާގެ އަޑުއެހުމުގައި އިސްމާއިލްގެ ވަކީލާ ހަނީފާ ހާލިދު ވިދާޅުވީ، ކެރެކްޝަނުން ހާމިދުގެ ބޭސް ފަރުވާއާ މެދު އިހުމާލުވަމުންދާތީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އިއްޔެ ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އިއްޔެ ވަނީ ކޯޓަށް އެކަމަށް އެދި ސިޓީއެއް ހުށަހަޅާފަ އެވެ.

ހަނީފާ ވިދާޅުވީ، ފިޒިއޮތެރަޕީ ހެދުމަށް ޑޮކްޓަރުން އަންގާފައިވީ ނަމަވެސް، އަދިވެސް އެ ފަރުވާ ހާމިދަށް ދީފައިނުވާ ކަމަށެވެ. އަދި، ހާމިދު ހުރި ބައްޔެއް ވެސް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.

ހާމިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ހިންގުމަށް ކަމަށްވާތީ، ހާމިދުގެ ފުރާނައަށް ގެއްލުމެއް ނުރައްކަލެއް ކުރިމަތި ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުން ކަމަށް ހަނީފާ ވިދާޅުވި އެވެ.

ހާމިދުގެ އަނެއް ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ހާމިދުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި، އޭނާއަށް ނަފުސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. މިހާރު ހާމިދުގެ ކަނދުރާ ދުޅަވެފައިހުރިކަން ސުއޫދު ފާހަގަކުރެއްވި އެވެ. އަދި ސިކުނޑީގެ ސްކޭނެއް ހަދާފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، އެ ސްކޭންގެ ރިޕޯޓް ލިބުން ވަރަށް މުހިންމު ކަމަށާއި ޝަރީއަތް ކުރިއަށް ގެންދެވޭ ވަރަށް ހާމިދުގެ ހާލު ހުރި ގޮތް ވެސް އެނގޭނީ އެ ރިޕޯޓް ލިބިގެން ކަމަށެވެ.

ހާމިދުގެ ވަކީލުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ، ދެން އަންނަ އަޑުއެހުމެއްގައި ކެރެކްޝަން ހާޒިރުކޮށް އެކަން އޮޅުން ފިލުވާނެ ކަމަށެވެ. އަދި ޑޮކްޓަރުން ދީފައިވާ ލިޔުންތައް ޝަރީއަތަށް ހުށަހެޅުމަށް ވެސް ގާޒީ ވަނީ އެދިލައްވާފަ އެވެ.