ރީފްސައިޑް

ބްލޫސްޓާ އިންޑިޔާއިން ރާއްޖޭގައި ކުރި ވިޔަފާރި ދެ މިލިއަން ޑޮލަރަށް އަރައިފި

އިންޑިޔާގެ އެންމެ ބޮޑު އޭސީ ބްރޭންޑް ކަމަށްވާ " ބްލޫސްޓާ" ބްރޭންޑުން ރާއްޖޭގައި ކުރި ވިޔަފާރީގެ އަދަދު ދެ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 153 މިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

ރީފް ސައިޑް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން އިންޑިޔާގެ "ބްލޫސްޓާ" ގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފަށާފައިވަނީ 2013 ވަނަ އަހަރު ފެށިގެންނެވެ. ބްލޫސްޓާ ބްރޭންޑުން އެއާކޮންޑިޝަނާއި ރެފްރިޖަރޭޓަރު ފަދަ ބާވަތްތައް އުފައްދަ އެވެ.

ބްލޫސްޓާ އިން ރާއްޖެއަށް ހާއްސަކޮށްގެން އުފައްދާފައިވާ އިންވާޓާ އެއާކޮންޑިޝަން ތައާރަފު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބްލޫސްޓާ އުފައްދާ އިންޑިޔާގެ އިންޓަނޭޝަނަލް ބިޒްނަސް ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ރަޖެންދުރަ ވަރްމާ ވިދާޅުވީ ރާއްޖެއަކީ އެ ކުންފުންޏަށް މުހިންމު މާކެޓެއް ކަމަށާއި، އެ ކުންފުނިން ރާއްޖޭގައި ވިޔަފާރި ފުޅާކުރުމަށް ބާރު ލިބެނީ ރީފްސައިޑާއެކުއެކު އުފެދިފައިވާ ގުޅުމުގެ ސަބަބުން ކަމަށެވެ.

ބްލޫސްޓާ އިން ރާއްޖޭގެ ބާޒާރުގައި ލިބިފައިވާ ކުރިއެރުން ފާހަގަކޮށް ރީފް ސައިޑަށް އެ ކުންފުނިން އިއްޔެ ވަނީ ހާއްސަ ފިލައެއް ވެސް ދީފަ އެވެ.

ބްލޫސްޓާއަކީ އިންޑިޔާގައި އެއާކޮންޑިޝަން އުފެއްދުމަށް އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މި ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 15 ގައުމެއްގައި ވިއްކާއިރު، ކުންފުނީގެ ވިޔަފާރީގެ ޖުމްލަ އަގު 500 މިލިއަން ޑޮލަރަށް އަރަ އެވެ.