ބޭންކް އޮފް މޯލްޑިވްސް

ތިން އަތޮޅަކަށް ބީއެމްއެލް އީޒީ ޕޭ ތައާރަފްކޮށްފި

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތިން އަތޮޅެއްގެ 10 ފިހާރައަކަށް ބީއެމްއެލްގެ އީޒީ ޕޭގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އަލަށް އީޒީޕޭގެ ހިދުމަތް ތައާރަފްކުރީ ހއ. އާއި ލ. އަދި ފުވައްމުލަކުގެ ބޮޑެތި ބައެއް ފިހާރަތަކަށެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަތޮޅުތަކުގެ 10 ފިހާރައަކުން އީޒީ ޕޭގެ ހިދުމަތް ލިބޭގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އިތުރު ފިހާރަތަކުން އެ ހިދުމަތް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބީއެމްއެލް އީޒީ ޕޭ ގެ ދަށުން ވިޔަފާރި ކުރެވޭ ފިހާރަތަކުން ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރު ގެ އިތުރު ކްރެޑިޓް ލިމިޓެއް ލިބޭނެ ކަމަށެވެ.

އީޒީ ޕޭ ސްކީމްގެ ދަށުން ކަސްޓަމަރުންގެ ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރުގެ އަދަދަކަށް މުދާ ގަނެވި، ގަންނަ މުދަލަށް ފައިސާ ދެއްކުމަށް ދިގު މުއްދަތަކާއި ލުއި ގޮތްތަކެއް ލިބިގެންދާނެ އެވެ. ބީއެމްއެލް އީޒީ ޕޭ ގެ ދަށުން ވިޔަފާރިކުރި ނަމަވެސް އެހެނިހެން ވިޔަފާރި ކުރުމަށް މިހާޜުވެސް ކަނޑައަޅާފައި އޮންނަ ކްރެޑިޓް ކާޑު ލިމިޓް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ، އީޒީ ޕޭ ގެ ދަށުން ގަންނަ މުދަލަށް ފައިސާ ދެއްކުމަށް އަހަރަކަށް ފަސް ޕަސެންޓުގެ އިންޓްރެސްޓަކާއެކު ތިން މަސް، ހަ މަސް ، 12 މަސް، 18 މަސް އަދި 24 މަހުގެ މުއްދަތު ލިބިގެންދާނެ ކަމަށެވެ. އީޒީ ޕޭގެ ހިދުމަތް ލިބޭނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެކަންޏެވެ.

ބީއެމްއެލް އީޒީ ޕޭގެ ހިދުމަތް އަލަށް ފެށި ފިހާރަތަކާއެކު ރާއްޖެއިން ޖުމްލަ 45 ފިހާރައަކުން އަންނަ ރޯދަ މަހު އީޒީ ޕޭ ސްކީމުގެ ތެރެއިން ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ބެންކުން ވަނީ ބުނެފަ އެވެ.