"ފޮލޯމީޓް" ހޭޝްޓެގް ގެ ދަށުން އިންސްޓަގްރާމްގައި ހިއްސާކުރަން ފެށި ހިތްގައިމު ފޮޓޯ ސިލްސިލާއަކާ ގުޅިގެން މަޝްހޫރުވި އެފަދަ ދެ ވަނައެއް ނެތް ދެ ލޯބިވެރިންގެ ވާހަކައަކީ އެންމެން ދަންނަ ވާހަކަ އެކެވެ. މި ފޮޓޯތަކުގައި ފެންނަނީ ދުނިޔެ ބަލަން ކެތްމަދުވެފައި ހުންނަ ނުވަތަ ދުއްވައިގަތުމަށް ތައްޔާރަށް ހުންނަ އަންހެން ކުއްޖެއްގެ އަތުގައި ފިރިހެނަކު ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. މިއީ ރަޝިއާގެ ފޮޓޯގްރާފަރެއް ކަމުގައިވާ މުރާދު އުސްމާން އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ އަދި މިހާރުގެ އަނބިމީހާ، ނަތާލިއާ ނަހަރޯވާ ދުނިޔެ އަށް މަޝްހޫރުވި ގޮތެވެ.
ދައްކަން މިއުޅެނީ މި ދެ މީހުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް "ފޮލޯމީޓް" ހޭޝްޓެގްގެ ވާހަކައެކެވެ. އެ ހޭޝްޓެގް ބޭނުންކޮށްގެން ތައިވާންގެ ދެ ލޯބިވެރިން ފޭސްބުކްގައި ޝެއާކޮށްފައިވާ ފޮޓޯތަކެވެ. މި ދެ ލޯބިވެރިން ވެސް ހަމަ "ފޮލޯ" ކުރަނީ އެވެ. އެއީ، އެގްނެސް ނަމަކަށްކިޔާ އަންހެނަކާއި ފްރެސްޓް ލޫ ނަމަކަށްކިޔާ ފިރިހެނެކެވެ. އެގްނެސް ބޭނުންވަނީ ތަންތަން ބެލުމަށެވެ. ނަމަވެސް އޮރިޖިނަލް "ފޮލޯމީޓް" ޖޯޑާ މި ޖޯޑު ތަފާތު ވަނީ ފްރެސްޓް ލޫ ދަމާފައި ގެންދަން ޖެހުމެވެ. އޭނާ ގެންދަން ޖެހެނީ ބޮލާއި، ކަންފަތާއި ނޭފަތުގައި ހިފާ ދަމަމުންނެވެ.
މި ފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ފޮޓޯތައް ވަރަށް ބޮޑަށް ވަނީ ވައިރަލްވެފަ އެވެ. ފޭސްބުކްގައި އެކަނިވެސް މި ފޮޓޯތައް 40،000 އަށްވުރެ ގިނަ ފަހަރަށް ޝެއާކޮށްފައިވެ އެވެ.
މި ފޮޓޯތަކަކީ އެ ދެ ބައިވެރިން ޗުއްޓީއަށް ހަވާއީއަށް ދިޔަ ދަތުރެއްގައި ނަގާފައިވާ ފޮޓޯތަކެކެވެ.