އޮފްބީޓް

އަށް އަހަރު، ކޮންމެ ދުވަހަކު ސެލްފީއެއް!

ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއް ހަނދާނެއްގެ ގޮތުގައި ރައްކާކޮށްލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. އެ ހަނދާންތަކާއި ޖަޒުބާތުތައް ރައްކާކުރުމަށް ވެސް ބޭނުންވެ އެވެ. މިކަން ކުރެވޭނީ އާންމުކޮށް ފޮޓޯއެއްގެ ޒަރިއްޔާއިންނެވެ.

މިކަމަށް ކޮންމެ ދުވަހަކު ސެލްފީއެއް ނަގެން ކިހިނެއްވާނެ ހެއްޔެވެ؟ ނުވާނެ ކަމެއް ކަމަށް ހީކޮށްފާނެ އެވެ. އެހެންކަމުން މިކަން ކޮށްފައިވާ ޒުވާނެއް ތައާރަފް ކޮށްދޭނަމެވެ. މިއީ ހޫގޯ އެވެ. ކެނެޑާގެ 20 އަހަރުގެ ޒުވާނެކެވެ. ހޫގޯ ވަނީ ކޮންމެ ދުވަހަކު ސެލްފީއެއް ނަގާ ރައްކާކޮށްފަ އެވެ. އެންމެ ދެތިން ސެލްފީއެއް ނޫނެވެ. ދެ ހާއަށްވުރެ ގިނަ ސެލްފީ އެވެ. އޭނާ ވަނީ އަށް އަހަރު ދުވަސްވަންދެން ހުއްޓާނުލާ ކޮންމެ ދުވަހަކު ސެލްފީއެއް ނަގާފަ އެވެ.

މިކަން ހޫގޯ ފެށީ 2008 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 12 އަހަރެވެ. މިހާރު 20 އަހަރެވެ. މިއީ އިންސާނެއްގެ ހަށިގަނޑަށް ވެސް އަދި ސިފައަށް ވެސް އެންމެ ބޮޑު ބަދަލެއް އަންނާނެ އުމުރެވެ. މި އަށް އަހަރު ދުވަހު ހޫގޯ ނަގާފައިވާ ހުރިހާ ސެލްފީއެއް ބޭނުންކޮށްގެން އޭނާ ވަނީ ދެ މިނެޓްގެ ވީޑިއޯއެއް ހަދާ، އެ ވީޑިއޯ ޔޫޓިއުބަށް ލާފަ އެވެ. މި ވީޑިއޯއަށް އެތައް ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ހޫގޯ ވަނީ އޭނާގެ މުހިންމު އެތައް ދުވަހެއް އެތައް ހަނދާނެއް މި ވީޑިއޯއިން ދުނިޔެއަށް ދައްކާލާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުއްޖަކާ ރައްޓެހިވި ދުވަހާއި ފުރަތަމަ ބްރޭކްއަޕާއި ޕާޓް ޓައިމް ޖޮބަކަށް ފުރަތަަަމަ ދިޔަ ދުވަހާއި ކޮލެޖަށް ދިޔަ ދުވަސް ފަދަ ދުވަސްތަކުގެ ހަނދާންތައް ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން އެތައް ޖަޒުބާތުތަކެއް ވެސް މި ވީޑިއޯއިން ފެނިގެންދެ އެވެ.

އަށް އަހަރު ދުވަހުގެ ސެލްފީތައް ބޭނުންކޮށްގެން ހޫގޯ ވީޑިއޯއެއް ހަދާފައިވީ ނަމަވެސް، އޭނާ ބޭނުންވަނީ 10 އަހަރު ދުވަހުގެ ސެލްފީތައް ބޭނުންކޮށްގެން ވީޑިއޯއެއް ހަދާށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ވެސް ކޮންމެ ދުވަހަކު ސެލްފީ ނަގަން އޭނާ ވަނީ ނިންމާފަ އެވެ.

ހޫގޯ ބުނީ، އަށް އަހަރު ދުވަހުގެ ސެލްފީތައް ބޭނުންކޮށްގެން ވީޑިއޯ ހެދުންވީ ވަރަށް އުނދަގޫ ގިނަ ވަގުތަކެއް ހޭދަވި ކަމަކަށް\ ކަމަށެވެ.