ލައިފްސްޓައިލް

ނަމަނަމަ ފިރިމީހާގެ ފޯނު ޗެކް ނުކުރާތި!

ބޭވަފާތެރިވުމުން އަންހެނުންގެ މުދާ ނެގުމަށްފަހު ގައުމުން ބޭރުކޮށްލުން ވެސް ބައެއް ގައުމުތަކުގައި އޮވެ އެވެ. މިކަން އެންމެ ރަނގަޅަށް ދަސްވި އެކަކަށް ވާނީ ދާދި ފަހަކާ ޖެހެންދެން ޔޫއޭއީގައި އެގައުމުގެ މީހަކާ އިނދެގެން ދިރިއުޅުނު އެހެން ގައުމެއްގެ އަންހެނެކެވެ. އޭނާ ވަނީ ކޯޓުން ހުކުމް ކޮށްގެން ޔޫއޭއީ އިން ބޭރުކޮށްލާފަ އެވެ.

އެ އަންހެނާގެ ކުށަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އޭނާ ގައުމުން ބޭރުކޮށްލީ ފިރިމީހާ އެހެން އަންހެނަކާ ގުޅުން ބާއްވާކަން އެނގިގެން ފިރިމީހާގެ ފޯނު ބަލަން މަސައްކަތް ކޮށްގެންނެވެ. އެ ފޯނު ބެލި އިރު އެހެން އަންހެނަކާއެކު ނަގާފައިވާ ފޮޓޯތަކާއި މެސެޖުތަކެއް ފެނިގެން އެކަމުގެ ރުޅި ދައްކާލުމުން ފިރިމީހާ ކޯޓަށް މައްސަލަ ހުށަހެޅީ އެވެ. އަންހެނުންގެ މައްޗަށް އޭނާގެ ފިރިމީހާ ކޮށްފައިވަނީ، އޭނާއަށް އެނގުމަކާ ނުލައި ފޯނުގައި ހުރި ފޮޓޯތަކެއް ބަލައި އަންހެނުންގެ ފޯނަށް ފޮނުވި ކަމުގެ ދައުވާ އެވެ.

ފިރިމީހާކުރި ދައުވާ އާއި ގުޅިގެން އެ ގައުމުގައި އަމަލުކުރަމުންދާ "ޕްރައިވެސީ ޕްރޮޓެކްޝަން" ގާނޫނުގެ ދަށުން މިދިޔަ ހަފުތާގައި އަންހެން މީހާގެ މައްޗަށް ކޯޓުން ވަނީ ޖޫރިމައިނާގެ ގޮތުގައި އޭނާގެ ފިރިމީހާއަށް 41،000 ޑޮލަރު ދިނުމަށް ހުކުމްކޮށް، ގައުމުން ޑީޕޯޓުކޮށްލާފައި ކަމަށް ޔޫއޭއީގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ޔޫއޭއީ އަކީ ބޭވަފާތެރިވުމުގެ އަދަބަށް ބޮޑެތި އަދަބު އޮންނަ ގައުމެކެވެ. އަދި އާންމުކޮށް ކުރާ ކައިވެނިތަކުގެ އުމުރު ކުރު ގައުމެއްގެ ގޮތުގައި ފާހަގަވާ އެއް ގައުމެއް ވެސް މެއެވެ.

ބޭވަފާތެރިވުމަކީ ގިނަ ކައިވެނިތައް ރޫޅޭ އެންމެ ބޮޑު އެއް ސަބަބެވެ. ރާއްޖެއަށް ބެލި ނަމަވެސް މިކަން އޮތީ މިހެންނެވެ. ފޯނު ޗެކްކުރުމުގެ ވާހަކަ ދައްކާ އިރު މިއީ ރާއްޖޭގައި އާންމު ކަމެކެވެ. ހަމަ އެކަނި ފޯނެއް ވެސް ނޫނެވެ. ބައިވެރިޔާގެ ފޭސްބުކް މެސެންޖާ އަށް ދަންދެން ފާރަވެރިވާ ބައެއް މީހުން އުޅެއެވެ. ރާއްޖެ ފަދަ ވަރި ގިނަ ގައުމެއްގައި މިފަދަ ގާނޫނެއް އޮވެއްޖެ ނަމަ ވާނެ ގޮތެއް ހިޔާލަށް ގެނެވޭ ހެއްޔެވެ؟

އެހެންވީމާ މިއީ އަންހެނުންނަށް އޮތް ވަރުގަދަ އިންޒާރެއް ނޫންހެއްޔެވެ؟