- މުއިއްޒު މަޝްރޫއުތައް ހިންގަވަނީ ހައިރާންވާހާ ބާރުމިނުގައި
- މާލޭގައި ހައްލު ނުވައި އެތައް މައްސަލައެއް ހައްލުވެއްޖެ
- އިޖްތިމާއި ގުޅުންތައް ވަނީ ރަނގަޅުވެފައި
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާ އަވަސްކަން ފެނި ހައިރާންވާ ކަމަށް ވިދާޅުވެ މިނިސްޓަރު މުއިއްޒަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.
ރައީސް ޔާމީންގެ ރިޔާސީ ދައުރަށް ދެބައިވުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މަޝްރޫއުތަކުގެ ސްޕީޑް ހުރި މިންވަރުން އަލާޑިންގެ ވޮއްގަނޑު މިނިސްޓަރު ގެންގުޅުއްވާ ކަމަށް ވަރަށް ބެެލެވޭ ކަމަށެވެ.
"އަޅުގަނޑު ބައެއް ފަހަރަށް ހިތަށްއަރާ ރައިސުލްޖުމްހޫރިއްޔާގެ ހިކުމަތް އަމަލިއްޔާއާއެކީގައި އަޅުގަނޑުމެންގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ގެންގުޅުއްވަނީ އަލާއުއްދީންގެ ވޮއްގަނޑެއް ނޫންބާވަ އޭ، އެކި ދުވަހު އެކި ގޮތަށް އެކި މަޝްރޫއުތައް ހިންގަވަމުން އެ ގެންދަވަނީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މިއަދު ވަރަށް ފަހުރުވެރިވާނެ ގޮތަކަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މާލޭގައި އެއް އިރެއްގައި ކުނިގޮނޑެއްގެ ގޮތުގައި ހުރި ތަންތަން މިހާރު ފެންނަނީ ރީތި ބަގީޗާއެއްގެ ގޮތުގައި ކަމަށާއި، މީހުންނަށް ކުރިން ދާން ނުކުރިފައި ހުރި ތަންތަން މިހާރު ވަނީ އިޖުތިމާއީ ގޮތުން އެތައް ފައިދާތަކެއް ލިބޭ ތަންތަނަށްވެގެން ގޮސްފައި ކަމަށެވެ. މި ކަންކަމަކީ ޑރ. މުއިއްޒުގެ ހިކުމަތްތެރި މަސައްކަތްޕުޅުން ފުރިހަމަވެފައިވާކަން ދަލީލު ކޮށްދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވަނީ އިސްލާމިކް މިނިސްޓްރީން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ ކަންތައްތަކަށް ވެސް ތައުރީފުކުރައްވާފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަކީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެންމެ ކައިރިން މަސައްކަތްކުރާ ރައީސް ކަމަށާއި ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އެހީތެރިވުމަށް އެމަނިކުފާނު ހުންނަވަނީ ތައްޔާރަށް ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ފަރުދީ ޒިންމާއެއް ކަމަށް ބަލައިގެން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫއުތައް ނިންމާލުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވަންޖެހޭ ކަމަށާއި އެހެންކަމުން ދެވަނަ ދައުރަށް ރައީސް ޔާމީން ހޮވުމަށް މިހާރު ފެށިގެން މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.