ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ފިސްތޯލަ ގެންގުޅުން ކަމަށް ބުނާ މައްސަލަ މިއަދު ބޭއްވޭ ގޮތެއްނުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން އުފުލާވާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވިގެން ކެންސަލްކޮށްފި އެވެ.

މިއަދުގެ އަޑުއެހުމުގައި ތާވަލްކޮށްފައި އޮތީ ދައުލަތުން ހުށެހެޅި ދެ ހެކީންގެ ހެކި ބަސް ނެގުމެވެ. ނަމަވެސް ދައުލަތަށް މިއަދު ހާޒިރުކުރެވިފައިވަނީ އެންމެ ހެއްކެކެވެ. އެއީ ސިއްރު ދެ ހެކިވެރިންނެވެ. ދެ ހެކިންގެ ހެކި ބަސް ނަގާނީ އެއް ދުވަހާ ކަމަށް މީގެ ކުރިން ވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމާވާއިރު، މިއަދުގެ އަޑުއެހުމަށް ދެ ހެކިވެރިން ގެނެސްފައިނުވާތީ، ދައުލަތާ ވަނީ ސުވާލުކޮށްފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ހެކިވެރިން ހާޒިރުކުރުމަށް ވަރަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް އިދާރީ ކަންކަން ފުރިހަމަވެ ހާޒިރުކުރެވުނީ އެންމެ ހެއްކެއް ކަމަށެވެ. ދެން އަންނަ އަޑުއެހުމަކަށް ދެ ހެކިން ހާޒިރުކުރާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާޒީ ވަނީ ހެކި ބަސް ނެގުމަށް އެހެން އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފަ އެވެ. ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ އެކެއް ޖަހާއިރު އެވެ.

ހެކިވެރިން ހާޒިރުކުރުމަށް އިތުރު ފުރުސަތެއް ދިނުމުން އަދީބުގެ ވަކީލް މޫސާ ސިރާޖު ވަނީ ހިންހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ދައުލަތަށް ހެކީން ހާޒިރުނުކުރެވިގެން މި މައްސަލައިގެ އަޑުއެހުން ކެންސަލްކުރަން ޖެހުނު މިއީ ދެވަނަ ފަހަރެވެ. މޫސާ ސިރާޖު ވިދާޅުވީ، ތާވަލްކުރާ ދުވަހަށް ހެކިން ހާޒިރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާނުކުރެވޭނަމަ ހެކީންނާ ނުލާ މައްސަލަ ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.

ދެން ބާއްވާ އަޑުއެހުމަކީ ހެކިން ހާޒިރުކުރުމަށް ދެވޭނެ ފަހު ފުރުސަތުތޯ ސިރާޖު ވަނީ ސުވާލުކުރައްވާފަ އެވެ. ނަމަވެސް އެ ސުވާލަށް ގާޒީ ޖަވާބެއް ނުދެއްވަ އެވެ. ސިރާޖު ވަނީ 31 ވަނަ ދުވަހު އަދީބުގެ އެހެން މައްސަލައެއްގެ އަޑުއެހުމެއް އޮތްކަން ވެސް ގާޒީގެ ސަމާލުކަމަށް ގެނެސްފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ އެ ދުވަހު މި މައްސަލާގެ އަޑުއެހުމެއް ވެސް ބޭއްވުމަށެވެ.

މޭޑޭގައި އަދީބު ބަޑިއެެއް ގެންގުޅުން ކަމަށް ބުނެ ދައުވަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ ހ، ރ އަދި ކ ގެ ދަށުންނެވެ.