ރާއްޖެ ކުޅިވަރު

މިނިވަން 50 މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖެ މިނިވަންވިތާ 50 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރު ފެށި މިނިވަން50 ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި 21 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނަންޖެހޭނެ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތެރޭގަ އެވެ. އެއަށްފަހު ޒޯން ޗެމްޕިއަން ޓީމުތައް ދެ ގްރޫޕަކަށް ބަލާހައިގެން ކުޅުނީ އައްޑު އާއި ކުޅުދުއްފުށީގަ އެވެ.

ފައިނަލުގައި ގދ. ފަރެސްމާތޮޑާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައްޑުސީޓީގެ ފޭދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަނުންނަށް ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.