ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބާއި ދެ ބޮޑީގާޑުންގެ މައްސަލާގައި ހެކި ހުށަހެޅުން ފަސްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ހެކި ހުށަހެޅުން ފަސްކޮށްފި އެވެ.

މި މައްސަލާގައި މިއަދު ހެނދުނަށް އަޑުއެހުމެއް ތާވަލުކުރީ ހެކި ހުށަހެޅުމަށެވެ. ނަމަވެސް ޝަރީއަތަށް ދައުލަތުން ހެކި ހުށަހަޅަމުންދަނިކޮށް އަދީބު ވަނީ ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ވިދާޅުވެ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފަ އެވެ.

މި އަޑުއެހުން ކުރިން ތާވަލްކޮށްފައި އޮތީ މި މަހުގެ 26 ވަނަ ދުވަހަށެވެ. އަޑުއެހުން މިއަދަށް އަވަސްކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީންނެވެ. އަދީބުގެ އެގޮތަށް ވިދާޅުވެ، އެކަމަށް އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހުސައިން ރިކާޒާއި އަހުމަދު އާމިރުގެ ވަކީލުން ތާއިދުކުރެއްވުމުން ގާޒީ ވަނީ ހެކި ހުށަހެޅުމަށް ކުރިން ވެސް ތާވަލްކޮށްފައިވާ ގޮތަށް 26 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމާފަ އެވެ. އެއީ ހެކި ހުށަހަޅަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

އަދީބު ވިދާޅުވީ، ގިނަ މައްސަލަތަކެއް ކޯޓުގައި ހިނގަމުންދާއިރު ވަކީލުންނާ ބައްދަލުކުރުމަށް ލިބެނީ ހަފުތާއަކު ދެ ފުރުސަތު ކަމަށާއި މައްސަލަތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށެވެ.

އަދީބާއި ދެބޮޑީގާޑުންގެ ވަކީލުން ވެސް ވަނީ 26 ވަނަ ދުވަހު ހެކި ހުށަހެޅުމަށް މައްސަލައެެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބާއި ރިކާޒު އަދި އާމިރާ ދެކޮޅަށް ސިއްރު 13 ހެއްކެއް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އަދީބާއި ރިކާޒް އަދި އާމިރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރައްވާ ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެވެ.