ފިނިޕޭޖް

ފްލޫ ނާޝިދަށް ޓްރިބިއުޓް ޝޯއެއް ބާއްވަނީ

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޒީރޯ ޑިގްރީގެ ލެޖެންޑް، ފްލޫ ނާޝިދަށް ޓްރިބިއުޓެއް ދިނުމަށް ހާއްސަ ޝޯއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި ޝޯ ބާއްވަނީ އެންސީއޭ އަދި މިސްކް މެގަޒިން ގުޅިގެންނެވެ.

އޭގެއިތުރުން ޝޯ ބާއްވަން ނިންމީ މިޔުޒިކް އިންޑަސްޓްރީގެ ގިނަ ފަރާތްތަކެއް އެގޮތަށް ޝޯއެއް ބޭއްވުމަށް ބޭނުންވެގެން ކަމަށް ވެސް އެންސީއޭއިން ބުނެ އެވެ.

ޝޯ އޮންނާނީ އަންނަ ޖުލައި 14 ވަނަ ދުވަހު އޮލިމްޕަސްގަ އެވެ. ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައެއް ނުވެ އެވެ.

މިއަދު ވަނީ މިސްކް މެގަޒިންނާއި އެންސީއޭއާއެކު ޝޯ ބޭއްވުމަށް އެއްބަސްވެ އެގްރިމެންޓްގައި ސޮއިކޮށްފަ އެވެ. އަދި ޝޯގެ ލައިޓިން އަދި ސައުޑިން ހަދައިދޭނެ ފަރާތްތަކާއެކު ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މަސައްކަތްކޮށްފައިވަނީ އެޒައިޑޮންއާ އެވެ. އޭގެއިތުރަށް މިސްކް މެގަޒިންގެ ޕްރިންޓް ވާޝަން ވެސް މިއަދު ވަނީ ނެރެފަ އެވެ. މި ފަހަރުގެ މެގަޒިން ހާއްސަކޮށްފައިވަނީ ނާޝިދަށެވެ.

މި އަދަދު އޮންލައިންކޮށް ބަލައިލެވޭނެ އެވެ.