ވިޔަފާރި

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ތައްޔާރު ވަނީ

  • ކުރިން ހިއްސާ ގަތް ފަރާތްތައް ސާފު ކުރަނީ
  • ހިއްސާ ވިއްކާނެ އަދަދެއް އަދި ނުބުނެ
  • މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހަނީ 32ރ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އިން އާއްމުންނަށް އިތުރު ހިއްސާ ވިއްކަން ތައްޔާރުވާން ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗެއާމަން ހުސެއިން ސާލިމް ވިދާޅުވީ ހިއްސާ ވިއްކުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އާޓިކަލް ބަދަލު ކުރުމަށްފަހު މި ޒަމާނާ ބަދަލު ކުރުމަށްފަހު އާއްމު ހިއްސާ ވިއްކުމަށް މަސައްކަތް ކުރަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ އާ ހިއްސާ ނެރެވޭނެ ކަމަށް ދެން އޮންނަ އޭޖީއެމް އަކަށް،" ސާލިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީން ހިއްސާ ގަނެފައިވާ ބައެއް ފަރާތްތައް މަރުވެފައިވާ ވެސް ވެއްޖެ ކަމަށާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތު ވެސް ސާފު ކުރަމުންދާ ކަމަށެވެ.

"ކުންފުނީގެ 1980 ގައި ހިއްސާ ވިއްކިފައި ހުރީ ސިލިޕް ކޮޅެއް ދީގެން. މީގެ ތެރެއިން ގިނަ ބަޔަކު ނިޔާ ވެސް ވެފައިވަނީ. ނަމަވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަރާތްތައް ސާފު ކުރަން ސެކެރެޓެރިއަޓުން ގިނަ މަސައްކަތް ތަކެއް ކުރެވިޖެ. މީގެ ތެރެއިން 22،000 ހިއްސާދާރުންގެ ތެރެއިން ސާފު ނުވެ ހުރީ 5،000 ހިއްސާދާރުން. އެކަމަށް މަސައްކަތް ކުރަމުން ދަނީ،" ސާލިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ހިއްސާދާރުންނަށް "ގިނަ ދަތިތަކެއް" ވެސް ދިމާވެފައިވާ ކަމަށެވެ.

"ބައެއް ހިއްސާދާރުންގެ ނިޔާވެ، އާއިލާތަކުން ކޯޓް ކޭސްތައް ނުނިންމޭ. މި ކަހަލަ މައްސަލަ ތަކެއް ނުނިންމޭ،" ސާލިމް ވިދާޅުވި އެވެ.

އެމްޓީސީސީއަކީ 47.8 ޕަސެންޓް ހިއްސާއާއި އާއްމުންގެ 44.7 ޕަސެންޓް އަދި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޑެޓް (އެމްއެންއެސްއެލް) ގެ 7.5 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 32ރ. ބަހަން ރޭ ވަނީ ނިންމައިފަ އެވެ.