ވިޔަފާރި

ދިރާގުގެ 4ޖީ ހިދުމަތް އިތުރު 3 ސަރަހައްދަކަށް ތައާރަފްކޮށްފި

ދިރާގު ބްރޯޑްބޭންޑް އިންޓަނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލްޓީއީގެ ހިދުމަތް އިތުރު ތިން ރަށަކަށް ތައާރަފްކޮށްފިއެވެ. މި ހިދުމަތް އަލަށް ތައާރަފް ކުރެވުނު ރަށްތަކަކީ، ޅ. ހިންނަވަރު، ނ. ވެލިދޫ، އަދި ރ. ދުވާފަރެވެ.

ދިރާގުން ބުނީ، މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ-އެލްޓީއީގެ ހިދުމަތް ފުޅައުކޮށްފައިވާ ކަމަށާއި މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ސަރަހައްތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގު ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައި ކަމަށެވެ.

މި ތިން ސަރަހައްދަށް 4ޖީ އެލްޓީއީގެ ހިދުމަތް ލޯންޗްކުރެވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ އިމްޖާދު ޖަލީލު ވިދާޅުވީ މިތިން ސަރަހައްދަށް 4ޖީ-އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގު ފަހުރުވެރިވާކަމަށާއި މި ތިން ރަށަކީ 3ޖީ ގެ ހިދުމަތްވެސް ބޭނުންކުރައްވާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަން ފާހަގަ ކުރާކަމަށެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު 4ޖީގެ ހިދުމަތް ފުޅާ ކުރައްވަން ރާވާފައިވާ ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށާއި އަދި މިއީ ރަށުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ގަބޫލުކުރާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

މި ތިން ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވީ އޭދަފުށީ އޮޕަރޭޝަން ސެންޓާގެ މެނޭޖާ އަބްދުﷲ ސޯދިގްއެވެ.

ދިރާގު 4ޖީ ރަސްމީކޮށް ޅ. ހިންނަވަރު، ނ.ވެލިދޫ އަދި ރ.ދުވާފަރަށް ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީ އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އަރުވާފައެވެ. ރާއްޖެއަށް 4ޖީގެ ހިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފަ އެވެ.