މީހުން

ފައިވާން ވިޔަފާރީގައި ޝާކިރަކީ މަރުކާއެއް!

  • ވިޔަފާރި ފެށީ ބޯޓު ދަތުރު ކުރުމުގެ ތެރެއިން
  • ފައިވާން ވިޔަފާރި ފުޅާކޮށް ކުރޭ
  • ގުރުއާން ކިޔަވައިދޭ ބޮޑު އިންސްޓިޓިއުޓެއް ހިންގާ

ފަޔަށް ހެޔޮވަރު ފައިވާނެއް ހެޔޮވަރު ކޮށްލެވެނީ މީގެ ފިހާރައައަކުންނެވެ. އެއީ "ޝޫ" ގެ ފިހާރަ ތަކެވެ. "ޝޫލައިން" އާއި "ޝޫކިންގް" މިއީ ރާއްޖޭގެ ފައިވާން ވިޔަފާރީގައި އެންމެ މަގުބޫލު ނަން ތަކެވެ. މި ވިޔަފާރީގެ އަޑީގައި ހުރި ވަރުގަދަ "ވަދަކީ" ފުވައްމުލަކަށް އުފަން މުހައްމަދު ޝާކިރު އަބްދުﷲ އެވެ. މިއީ ރާއްޖޭގެ ފައިވާން ވިޔަފާރީގައި އެންމެ މަޝްހޫރު އެއް މަރުކާ އެވެ.

"ވިޔަފާރި ފެށުމުގެ ކުރިން އުޅުނީ ބޯޓު ދަތުރު ކުރަން. މިކަމުގެ ތެރެއިން މި މަސައްކަތް ފެށުނީ،" ޝާކިރު މި ވިޔަފާރީގެ ތެރެއަށް ނުކުމެވުނު ގޮތް "އަވަސް" އަށް ކިޔައިދިނެވެ.

އުމުރުން އެންމެ 24 އަހަރުގައި ފުރަތަމަ އުޅުނީ ބޯޓު ދަތުރުކުރާށެވެ. ފައިވާނާއި ބޫޓު ވިއްކުމުގެ މި ބޮޑު ވިޔަފާރީގެ ބިންގާ އެޅުމަށް މަގު ފަހިވީ މި ދަތުރުގެ ތެރެއިންނެވެ. ޝާކިރުގެ ކޮއްކޮ ހާލިދުއާ ދެބެން ވެގެން ފައިވާން ވިއްކަން ފެށިއިރު ރާއްޖޭގައި މި ވިޔަފާރީގައި މާބޮޑު ރޫހެއް ނެތެވެ.

"ދަތުރުކޮށްފައި އައިސް ކޮއްކޮއާ ދެ މީހުން ފެށީ. އެކަމަކު ފަހުން ކޮއްކޮ ބޭނުންވެގެން ވިޔަފާރި މިހާރު ބައިކޮށްލައިފިން،" ވިޔަފާރީގެ ތަޖުރިބާތައް ޝާކިރު ކިޔައިދިނެވެ.

ފައިވާން ވިޔަފާރީގައި ޝާކިރު އެންމެ ފުރަތަމަ ހުޅުވީ "ރެދަން" ފިހާރަ އެވެ. މި ފިހާރަ ހުޅުވީ 2000 ވަނަ އަހަރުތަކުގަ އެވެ. އޭރު ފައިވާން ފިހާރަތައް މާލޭގައި މަދެވެ. އޭނާ މި ވިޔަފާރި ފެށީ ފަސޭހައިން ކުރެވޭނެ ވިޔަފާރިއެއް ކަމަށް ބަލާފަ އެވެ.

"ފައިވާން ވިޔަފާރި ފެށީ މި ވިޔަފާރިއަކީ ވަރަށް ކުޑަ އެއްޗަކުން ފެށޭ ކަމަކަށްވާތީ. އެހެންވެގެން ފެށީ. މިކަން ފެށިއިރު އެހާ ބޮޑު އެއްޗެއް ނެތް. އެކަމަކު އެ ދުވަސް ވަރަށް ބަލާނަމަ ބޮޑު އެއްޗެއް އެއީ. 40،000 ޑޮލަރު ވަރުންގެ އިންވެސްޓަރުން ފެށީ. ފުރަތަމަ ފިހާރަ ގަތީ 30،000ރ. އަށް،" ޝާކިރު ބުންޏެވެ.

ފުރަތަމަ "ރެދަން" ފިހާރަ ހިންގަމުން ގެންދިޔައީ ދެ ބެއިން "ޑިއުޓީ" ބަހާލައިގެންނެވެ. ކޮއްކޮ ބޯޓު ދަތުރުކުރާއިރު ޝާކިރު ސޭޓަކަށް ވެގެން ފިހާރަ ހިންގަނީ އެވެ. އޭރު ފިހާރައިގެ ސޭޓަކީ ވެސް ޝާކިރެވެ. ނަމަވެސް މިހާރު އެ ފިހާރަ ބަލަހައްޓަމުން ގެންދަނީ ޝާކިރުގެ ދަރިފުޅު އަހުމަދު އުމެއިރެވެ.

"އެ ދުވަސް ވަރުވެސް މި ވިޔަފާރި މާގިނަ ބަޔަކު ނުކުރޭ. އެކަމަކު މިހާރު ވަރަށް ގިނަ. ފައިވާނަކީ ބޮޑު ފައިދާއެއް ލިބޭ ކަމެއް. އެކަމަކު ސްޓޮކް ވެސް ހުރޭ. އެހެންވެ އަޅުގަނޑުމެން ހަދާ ގޮތަކީ ނައިޓް މާކެޓުގައި ބާކީ ހުންނަ ސްޓޮކް ވިއްކާލަނީ،" ބޯޓު ދަތުރުކުރުމުގައި 15 އަހަރު އުޅުނު ޝާކިރު ބުންޏެވެ.

މި ވިޔަފާރި ފެށިއިރު ޝާކިރަށް ގިނަ ހުރަސްތަކެއް ކުރިމަތިވި އެވެ. މިގޮތުން ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެއަށް މުދާ ގެނެވޭނެ އެކަށީގެންވާ މަގެއް ނެތުމެވެ. ވިޔަފާރި ކުޑަވުމެވެ. އެހެންވެ އޭނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދި އެވެ.

"ކޮންޓެއިނާ ގެންނަން ފުރަތަމަ ވަރަށް އުނދަގޫވީ. އޭރު ވާގޮތަކީ އަހަރެމެން ކުޑަވީމަ ކޮންޓެއިނާ ނުގެނެވޭ. މަތިން [އެއާ ފްރައިޓް] ކޮށް ގެނައުމުން ވަރަށް ކުޑަކުޑަ އާމްދަނީއެއް މި އޮންނަނީ. ފްރައިޓް ބޮޑުވީމަ. ފުރަތަމަ އެ ދަތި އައީ. ފުރަތަމަ ސްޓައިލިޝް އަލީ ރަޝީދު ރާއްޖެ ގެންނަ މުދާ ކޮންޓެއިނާގެ ތެރެއަށް ލައިގެން މުދާ ގެނައީ ގެންނަން ފެށީ،" ފިހާރައަށް ފުރަތަމަ މުދާ ގެނައި ގޮތް ޝާކިރު ބުންޏެވެ

"އަމިއްލައަށް މުދާ ގެނެވޭ ވަރުވީމަ އަލީ ރަޝީދު އެ މަސައްކަތް ހުއްޓާލީ. އެ ހިސާބުން ދެން އަޅުގަނޑުމެން އަމިއްލައަށް މުދާ ގެންނަން ފެށީ."

މިއީ ވަރަށް ފެޝަން ވިޔަފާރިއެވެ. ފައިވާނާއި ބޫޓުގެ ސްޓައިލްތައް ވަރަށް އަވަހަށް ބަދަލުވެ އެވެ. އެކަމަށް ޝާކިރު ވަނީ ލޯހުޅުވާފަ އެވެ. ޝާކިރު ބުނި ގޮތުގައި އެކި ދުވަސްވަރު ފައިވާނުގެ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ.

"އެކި ޒަމާނަށް މި ހިނގަނީ އެކި ސްޓައިލް. ކޮންމެ މީހަކު ވެސް ބަލަނީ އާ ޑިޒައިނެއްގެ ފައިވާނަކަށް އެރޭތޯ؟ މި ގޮތުން އާ ޑިޒައިނެއްގެ ފައިވާނަށް ހުރިހާ މީހުން ވެސް އަރަށް ބޭނުންވަނީ،" ޝާކިރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ވިޔަފާރީގައި މާބޮޑު ދަތިތަކެއް ނެތެވެ. މި ވިޔަފާރިއަކީ އެންމެ ކާމިޔާބުކޮށް ކުރިއަށްދާ ވިޔަފާރި އެއްކަން އޭނާ ފާހަގަ ކުރެ އެވެ.

"ވިޔަފާރި ރަނގަޅު ނަމަވެސް މީގައި މާބޮޑު ފުރުސަތެއް ރާއްޖެއަކު ނެތް. އެހެންވަނީ ރާއްޖޭގެ ޕޮޕިއުލޭޝަން ކުޑަވީމަ. އަދި ތަން ވެސް ނެތީމަ. މިހާރު އޮތް އުންމީދަކީ ހުޅުމާލެ. ހުޅުމާލޭގައި ފުރުސަތެއް އެބައޮތް،" ޝާކިރު ބުންޏެވެ.

ފައިވާން ވިޔަފާރީގައި ނަން މަޝްހޫރު ވެގެން ދިޔަ ގޮތަށް ޝާކިރުގެ ނަން މިހާރު ވިދަމުންދަނީ ޤުރުއާނުގެ އިލްމު ފެތުރުމުގެ ދާއިރާގަ އެވެ. "އިންސްޓިޓި އޮފް ހޯލީ ގުރްއާން" ގެ ނަމުގައި އޭނާދަނީ ޤުރުއާން ކްލާސްތަކެއް ހިންގަމުންނެވެ. މި އިންސްޓިޓިއުޓްގެ ތިން ގޮތްޕެއް މާލެ އަދި ހުޅުމާލޭގައި ހުޅުވާފައިވާއިރު މި ތަނުގައި ކިޔަވާ ކުދިންގެ އަދަދު 1،800 އިން މައްޗެވެ. އަދި ތިން ގޮފީގައި ކިޔަވައިދިނުމުގައި 70 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރެ އެވެ. ފައިވާން ވިޔަފާރިއާއެކު މިއީ ޝާކިރު އެންމެ އުފާވާ އެއް ކަމެވެ.

ޝާކިރު ބުނި ގޮތުގައި ޤުރުއާން ކިޔަވައިދޭ ތަނެއް ހެދުމުގެ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަރުގައި އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކާއެކު ފެށި މަސައްކަތެއް ކަމަށެވެ.

"ސައީދުއާއެކު މި މަސައްކަތް ފެށީ. ނަމަވެސް ފަހުން ސައީދު ވަކިވީ. އެ ދުވަސްވަރު ވަރަށް މާޔޫސްވެފައި ހުއްޓާ މިހާރު މިތަން ހިންގާ ކުދިން ޒިޔާދުމެން ފެނުނީ. އެކަމަކު މިހާރުއެއް ވެސް ހެޑޭކެއް ނެތް. ވަރަށް ބަރާބަރަށް ހިނގާ،" ޝާކިރު ބުންޏެވެ.

ޝާކިރު މުޅި ރާއްޖެއަށް ޤުރުއާނުގެ އިލްމު ފަތުރަން ބޭނުންވެ އެވެ. ވިޔަފާރިއާއެކުއެކީގައި މިކަމަށް އޭނާދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މިހާރު ކްލާސްތަކުގައި ވަރަށް ޑިމާންޑް ބޮޑުކޮށް އުޅެނީ. މިހާރު ކްލާސް ނެތިގެން އުޅެން ޖެހެނީ،" ޝާކިރު ބުންޏެވެ.

ޝާކިރުގެ އަޒުމަކީ ޤުރުއާނުގެ އިލްމު ފެތުރުގައި އެންމެ މައްޗަށް ގޮސް އެ އިންސްޓިޓިއުޓްގައި ޑިގްރީ ކޯސްތަކެއް ފެށުމެވެ. އަދި އެއަށްވުރެ އުހަށް އެރުމެވެ.

"ޑިގްރީ ކޯސްތައް ފެށުން މަގުސަދަކީ. އެހެންވެ މި މަސައްކަތް ކުރަނީ ކޮލެޖަކަށް ބަދަލު ކުރުމަށް،" ޝާކިރު ބުންޏެވެ.