ވިޔަފާރި

މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެވްރިތިން ރެޑުން އުރީދޫއާއެކު އެއްބަސްވެއްޖެ

މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިންގޭ، މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެވްރިތިން ރެޑުން އުރީދޫއާއެކު އެއްބަސްވެއްޖެ އެވެ.

"އެވްރިތިން ރެޑް" ކުންފުނީން މޮބައިލް މަނީގެ ހިދުމަތް ކަސްޓަމަރުންނަށް ދިނުމަށް އުރީދޫއާއެކު ސޮއިކޮށްފައިވާއިރު، އެ ކުންފުނިންދޭ ހުރިހާ ހިދުމަތަކަށް އުރީދޫ މޮބައިލް މަނީގެ ހިދުމަތް ބޭނުންކޮށްގެން މޮބައިލް ފޯނުތަކުން ކުރިއަށް އޮތްތާގައި ފައިސާ ދައްކާލެވޭނެ ކަމަށެވެ.

އެވްރިތިން ރެޑްގެ އޮފިޝަލަކު ވިދާޅުވީ، މޮބައިލް މަނީގެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހިދުމަތް އަދި ފެށިފައިނުވީ ނަމަވެސް ވަރަށް އަވަހަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އެކަމުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށެވެ.

"އެވްރިތިން ރެޑް" ކުންފުނީގެ ދަށުން ހިދުމަތް ދެމުންގެންދާ ފުޑްހަބަކީ ކާތަކެއްޗަށް އޯޑަރު ދެވޭގޮތަށް ރާއްޖޭގައި މޮބައިލް އެޕެއް ތައާރަފުކުރި ފުރަތަމަ ކުންފުންޏެވެ. ފުޑްހަބުން 70 އަށްވުރެ ގިނަ ރެސްޓޯރެންޓުން ފުޑް އޮޑާކުރެވެ އެވެ.

އޮފިޝަލް ވިދާޅުވީ، މި ހިދުމަތް ފެށުމުން އޮޑާތަކަށް މޮބައިލް ބޭނުންކޮށްގެން ފައިސާ ދައްކާލެވޭނެ ކަމަށެވެ.