ތުއްތު ކުދިންނަކީ ގައުމެއްގެ މުސްތަގުބަލެވެ. އެކުދިންނަކީ އެންމެންގެ ލޯބި ލިބި، އުފަލާ މަޖަލުގައި ބޮޑުވާ ބަޔަކަށް ހެދުމަކީ ބޮޑަށް ތިބޭ މީހުންގެ ޒިންމާއެކެވެ. ރަނގަޅު ތަރުބިއްޔަތެއްދީ، ދުޅަހެޔޮކަން މަތީ ކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކުޅެ ސަކަރާތް ޖެހުމުގެ ފުރުސަތު އެ ކުދިންނަށް ދޭން ޖެހޭއިރު، ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމަކީ ވެސް މައިބަފައިންނަށް ލާޒިމުކުރާ ކަމެކެވެ. ގިނަ ގައުމުތަކުގައި މިކަން އުސޫލުން ހިނގަ އެވެ. މިފަދަ ފުރުސަތުތައް ކުދިންނަށް ލިބެ އެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ކުޑަ ކުދިންނަށް މިފަދަ ކަންކަން ވަނީ މަހުރޫމްވެފަ އެވެ. އެ ގައުމުތަކުގެ ތެރެއިން ވެސް މިހާރު އެންމެ ފާހަގަކޮށްލެވެނީ ދާހިލީ ހަނގުރާމައެއްގެ ވަޅުގަނޑެއް ތެރޭގައި އޮންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީރިއާ އެވެ.
ސީރިއާގެ ކުޑަ ކުދިންގެ ދިރިއުޅެމުންދާ ހާލަތު އެކި ފަހަރު މަތިން މީޑިއާތަކުން އަންނަނީ ތިލަ ކުރަމުންނެވެ. ހާލުގައި ޖެހިފައިވާ އެތައް ކުޑަ ކުދިންނެއް އެ ގައުމުގައި ތިބިއިރު، ފިލައިގެން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް އެތެރެވާން ޖެހުނު ކުދިން ވެސް މަދެއް ނޫނެވެ. ހަމަލާތަކުގައި މަރުވެ، ރެފިއުޖީއަކަށްވެ އެހެން ގައުމަކަށް ދިޔުމުގެ މަގުމަތީ މަރުވި ކުދިންގެ އަދަދު ވެސް މަދެއް ނޫނެވެ.
ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވާ ސީރިއާގެ އެތައް ކުދިންނެއް އެބަ ތިއްބެވެ. މިއީ އޭގެ ތެރެއިން އެންމެ ކުއްޖެއްގެ ވާހަކަ އެވެ. މިއީ، އުމުރުން އެންމެ ހަ އަހަރުގެ އަބްދުﷲ ވާހަކަ އެވެ.
އަބްދުﷲ އަކީ ސީރިއާގެ އަވަށަކަށް އުފަންވި ކުއްޖެކެވެ. ސީރިއާއިން ނިކުންނަން ޖެހުނީ އަވަށަށް ހަމަލާދޭން ފެށުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށެވެ. ސީރިއާއިން ނިކުތީ އޭނާގެ މަންމަ އާއި ބައްޕް އަދި އެއްބަނޑު އެއްބަފާ ތިން ބޭބެ އާއި ތިން ދައްތައާއެކުގަ އެވެ.
އޭނާގެ އުމުރަކީ ކިޔަން ފަށަންޖެހޭ އުމުރެވެ. ސްކޫލަށް ދާން ޖެހޭ އުމުރެވެ. ނަމަވެސް އަބްދުﷲ ސްކޫލަކަށް ނުދެ އެވެ. ސީރިއާއިން ނިކުތް ފަހުން ސްކޫލަށް ދިޔުން އަބްދުﷲ ވަނީ ހުއްޓާލާފަ އެވެ. ސްކޫލަށް ދިޔުމުގެ ބަދަލުގައި އޭނާ ދަނީ މަސައްކަތަށެވެ. ބައްޕައަށް އެހީވާށެވެ. ބައްޕަގެ ކެފޭގެ ބަދިގެ ބަލަހައްޓަނީ އަބްދުﷲ އެވެ. އޭނާގެ ބައްޕަ ބުނީ، ކައްކަން އުނދުން ތައްޔާރުކުރުންފަދަ ކަންކަން އަބްދުﷲ ވަރަށް އަވަސް މުއްދަތެއްގައި ދަސްކޮށްފައިވާ ކަމަށެވެ. އެކަމުގެ ހުނަރު އޭނާގެ ކިބައިގައި ހުންނަ ކަމަށެވެ.
އަބްދުﷲ އަކީ ވަރަށް ބިރުން ހުންނަ ލަދު ރަކި ކުއްޖެކެވެ. އޭނާ ވަނީ ސްކޫލަށް ދާން ބޭނުން ނުވާ ކަމަށް ބުނެ އެކަމުގެ ސަބަބު ވެސް ކިޔައިދީފަ އެވެ. އަބްދުﷲ ބުނީ، ސްކޫލަށް ދާން ބޭނުން ނުވަނީ ޓީޗަރުން ކުދިން ގައިގާ ތަޅައި ހަޅޭލަވާތީ ކަމަށެވެ. އަބްދުﷲ ސްކޫލަށް ދާން ބޭނުން ނުވި ނަމަވެސް ތައުލީމީ ހޯދުމުގެ ފުރުސަތު އެ އާއިލާއަށް ފަހިވުމުން އަބްދުﷲ އަލުން ސްކޫލަށް ފޮނުވަން އޭނާގެ ބައްޕަ ބޭނުންވެ އެވެ. އަންދުﷲ އަކީ ލިޔަންކިޔަން ދަންނަ ކުއްޖަކަށް ހެދުމަކީ އޭނާގެ ބައްޕަގެ އުއްމީދެކެވެ.
އަބްދުﷲ ބައްޕަ ބުނީ، އޭނާ އަކީ ކުޅުމަށް ވަރަށް ލޯބި ހުންނަ ކުއްޖެއް ކަމަށެވެ. މަސައްކަތްކުރުމަށްފަހު ލިބޭ ހުސްވަގުތުގައި ޓަޔަރާއި ދަނޑިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ކުޅިވަރު ކުޅެ ހަދާ ކަމަށް އަބްދުﷲގެ ބައްޕަ ބުންޏެވެ.