އޮފްބީޓް

ވަރުގަދަ ރޭސިސްޓް އިސްތިހާރެއް: މޭޑިން ޗައިނާ

މިއީ ދޮންނަކުނޑީގެ އިސްތިހާރެކެވެ. ޗައިނާ އިން އުފައްދައި މާކެޓްކުރާ ބްރޭންޑެއްގެ އިސްތިހާރެކެވެ. ފަންސާސް ސިކުންތުގެ މި އިސްތިހާރު ޗައިނާގެ ޓީވީތަކުގައި އާންމުކުރުމާއެކު މި އިސްތިހާރަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. އެތައް ބަޔަކު ވަނީ އިޝްތިހާރު ބަލައިފަ އެވެ. ދޮންނަކުނޑި ނުވަތަ އިސްތިހާރުގެ މޮޅު ކަމަކުން ނޫނެވެ. އިސްތިހާރުގައި ގެެނެސްދީފައިވާ މެސެޖްގެ ގޯސްކަމުންނެވެ.

މި އިސްތިހާރުން ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުން އިންތިހާއަށް ފެނިގެންދެ އެވެ.

އިސްތިހާރުގައި ވަނީ ކިހިނެއް؟

މި އިސްތިހާރު ބަލާލާށެވެ. އިސްތިހާރުގައި ފެނިގެން ދަނީ ކަޅު ނަސްލުގެ ފިރިހެނަކު އެއްޗެހި ދޮންނަ ހުރި ޗައިނާގެ އަންހެނެއް ކައިރިއަށް އައިސް ފްލާޓްކުރަން އުޅޭ ތަނެވެ. އަންހެން މީހާ ކައިރިއަށް އެ ފިރިހެން މީހާ އަންނަ ތަނުން ދޮންނަ މެޝިނު ތެރެއަށް ފިރިހެން މީހާ ވައްޓާލަ އެވެ. އަދި ދޮންނަ މެޝިނު ޖައްސަ އެވެ. އިރުކޮޅެއް ފަހެވެ. ދޮންނަ މެޝިނު ތެރެއިން ފިރިހެން މީހާ ނިކުމެ އެވެ. ނަމަވެސް ނިކުންނައިރު އެމީހާ ހުރީ މުޅިން ބަދަލުވެފަ އެވެ. ކަޅު ނަސްލުގެ މީހާ ހުރީ ދޮން ނަސްލުގެ ޗައިނާ ފިރިހެނަކަށް ބަދަލުވެފަ އެވެ.

ފާޑުކިޔުންތައް އަމާޒުވެފައި!

މި އިސްތިހާރަކީ މިހާރު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދައުރުވަމުންދާ ވީޑިއޯ އެވެ. ފޭސްބުކް އަދި ޓްވިޓާގައި މި އިސްތިހާރު ޝެއާކޮށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ޗައިނާގެ ގިނަ އަދަދެއްގެ މީހުން ވެސް ހިމެނެ އެވެ.

މި އިސްތިހާރު މިހާރު ސިފަކޮށްފައިވަނީ އެންމެ ރޭސިސްޓް އިސްތިހާރުގެ ގޮތުގަ އެވެ.

އިސްތިހާރަށް ލިބެމުންދާ ފާޑުކިޔުންތަކުގެ ސަބަބުން މި ދޮންނަ ކުނޑީގެ ވެރިޔާ ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައިވަނީ އިސްތިހާރަށް އޭނާ އެހާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ނަސްލީ ތަފާތުކުރުން އިސްތިހާރުގައި ހުރިކަން އޭނާއަށް ފާހަގަކުރެވުނީ ވެސް މީހުން އެގޮތަށް ވާހަކަ ދައްކަން ފެށުމުން ކަމަށެވެ.

މިއީ ފުރަތަމަ ފަހަރެއް ނޫން!

މިކަހަލަ އިސްތިހާރު ޗައިނާގައި ހެދި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ދަތް އުނގުޅާ ބޭހެއްގެ އިސްތިހާރުގައި ވެސް ނަސްލީ ތަފާތުކުރުން ގެންގުޅިފައިވެ އެވެ. އެ ބޭހަށް ކިޔަނީ ވެސް "ބްލެކް މޭން ޓޫތް ޕޭސްޓް" އެވެ. މި އިސްތިހާރަކީ ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އިސްތިހާރެކެވެ.

ޗައިނާއަކީ ނަސްލީ ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. އެ ގައުމުގެ ރަށްވެހިންގެ ގޮތުގައި ކަޅު ނަސްލުގެ މީހުން ނޫޅޭއިރު، ގައުމުގައި އުޅޭ ބިދޭސީންގެ ނިސްބަތުން ބަލާއިރު ވެސް ކަޅު ނަސްލުގެ މީހުން މަދެވެ.