އުމަރު ނަސީރު

މެޖިސްޓްރޭޓް ހައްޔަރުކުރި ފުލުހުންނަށް އުމަރުގެ ތައުރީފު!

ގދ. ތިނަދޫގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު، މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރު ކުރުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް ތައުރީފުކޮށްފި އެވެ. މެޖިސްޓްރޭޓް، ރަޝީދު މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާގެ ހަށިގަނޑާއި އޭނާ ހުންނެވި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުންނެވި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ވެއެވެ.

އެކަމާއި ގުޅިގެން އުމަރު ފުލުހުންނަށް ތައުރީފު ކުރެއްވީ ޓްވީޓެއް ކުރައްވަ އެވެ. އުމަރު ވިދާޅުވީ ގާނޫނަށް ވުރެއް މަތީގައި އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި ފުލުހުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އެ ޓްވީޓާއެކު މިނިސްޓަރު ވަނީ މެޖިސްޓްރޭޓް ހައްޔަރު ކުރި ހަބަރެއް ވެސް ޝެއާ ކުރައްވާފަ އެވެ.

ފުލުހުން ދަނީ މެޖިސްޓްރޭޓްގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.