މާރާމާރީ ހިންގުން

ކުރީގެ އަނބި މީހާއަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި

ކުރިން އިނދެފައި ވަރިވެގެން ތިބި ގދ. މަޑަވެލީ ދެމީހެއްގެ މެދުގައި އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

ވަރިވެގެން ތިބި ދެމީހެއްގެ ދެމެދުގައި އިއްޔެ ހިނގި އެ މާރާމާރީގައި އަންހެންމީހާއަށް ވަނީ އަނިޔާތަކެއްވެ، އޭނާ އަށް ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ވެސް ދީފަ އެވެ. ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމަށްފަހު ފިލައިގެން އުޅެނިކޮށެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަޑެވެލީ ކައުންސިލްގެ ރައީސް ޝާހިދު އަހުމަދު ވިދާޅުވީ، މާރާމާރީ ހިނގާފައިވަނީ އަންހެންމީހާގެ ގެއަށް ފިރިހެން މީހާ ގަދަކަމުން ވަދެ ކަމަށެވެ.

މި ދެ މީހުން ވަރިވިތާ އަދި ވާނީ ހަތަރު މަސް ދުވަހެވެ. އަދި އެ މާރާމާރީގައި އަންހެން މީހާގެ އަރިކައްޓަށާއި ދަށް ބަނޑަށް އަނިޔާވެފައިވެ އެވެ.