- މައިގަނޑު މަސައްކަތް 2018 ވަނަ އަހަރު ނިމޭނެ
- މިހާރުގެ ޓާމިނަލް ޑޮމެސްޓިކަށް ބަދަލުކުރާނެ
- ޓާމިނަލްގެ ފްލޯއޭރިއާގައި 78،000 ސްކޮޔާ މީޓަރު
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިޭ) ގައި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އަޅަން ސައޫދީ ބިންލާދިން ގްރޫޕަށް ހަވާލުކުރީ 300 މިލިއަން ޑޮލަރަށް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އައިއެންއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ އިންޓަނޭޝަނަލްގެ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މި ދަނީ ވަމުން. އިމާރާތްތައް ބަދަލުކޮށްވަނީ ގާތްގަނޑަކަށް ނިމިފައި. މިހާރުވެސް އެ ބޭފުޅުން [ސައޫދީ ބިންލާދިން ގްރޫޕު] ން މަސައްކަތް ފަށަން ބޭނުންނަމަ އަޅުގަނޑުމެން ދާދިފަހުން ހިއްކާފައިވާ 73،000 ސްކެއާ މީޓަރުގައި ސައިޓް އޮފީހާއި ޓެމްޕަރެރީ ސައިޓް ވެސް އެޅޭ ގޮތަށް އޮންނާނީ،" އާދިލް ވިދާޅުވި އެވެ.
އައިއެންއައޭގައި އާ ޕެސެންޖާ ޓާމިނަލް އެޅުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި 13 އިމާރާތެއް ވަނީ އިރުމަތީ ފަރާތައް ބަދަލުކޮށްފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
އާ އިންޓަނޭޝަނަލް ޓާމިނަލް
- 78،000 ސްކޮޔާ މީޓަރު ބޮޑު
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް
އެމްޑީ އާދިލް ވިދާޅުވީ މި ޕްރޮޖެކްޓް އެވޯޑު ކުރުމާއެކު އެ ކުންފުނިން ގިނަ ތައްޔާރީ ތަކެއް ވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި ދެ ޕްރޮޖެކްޓް [ރަންވޭ އާއި ޓާމިނަލް] މަޝްރޫއު ފެށިގެންދާއިރު އެންމެ ޕީކް ޕީރިއަޑްގައި 4،000 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް. ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"ޓާމިނަލްއަކީ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންވާނެހެން ހަމައެކަނި އިމާރާތެއްނޫން. އެކި އިކްއިޕްމަންޓާއި އެކި ކަހަލަ މެޝިނަރީ ހުންނާނެ. މިއާ ގުޅިގެން ސަބް- ކޮންޓްރެކްޓަރުންގެ ނުވަތަ ތިންވަނަ ފަރާތެއްގެ ވަރަށް ބައިވަރު މަސައްކަތް ހިމެނޭނެ. މިސާލަކަށް އެއިރޯ ބްރިޖާއި ބެގޭޖު އެންޑްލިން ސިސްޓަމާއި ސޮފްޓްވެއާތަކާ މިގެން ގޮސް އެ ހުރިހާ އެއްޗިހި އިންޓަގްރޭޓް ކުރަން ޖެހޭ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް 2018 ވަނަ އަހަރު އެއްކޮށް ނިމޭނެ ކަމަށެވެ.
"ޓާމިނަލް މުޅިން އެއްކޮށް 2018 ގައެއް ނުނިމޭނެ. ނަމަވެސް އަޅުގަނޑުމެން މިބަލަނީ މައިގަނޑު މަސައްކަތް ނިމޭނެ ކަމަށް. ޓާމިނަލް އުންމީދު ކުރި ވަރަކަށްވުރެ ތަންކޮޅެއް ލަސްކޮށް މި އެޕޮއިންޓް ކުރެވުނީ. ޓާމިނަލް ޕްރޮޖެކްޓް ކުރިއަށް ގެންދަން މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ އިންޓަނޭޝަނަލް ޓާމިނަލް ނިމުމުން މިހާރުގެ ޓާމިނަލް ބަދަލުވެގެންދާނީ އެތެރޭގެ އުދުންތަކުގައި ބޭނުންކުރާ ޓާމިނަލް އަކަށް ކަމަށެވެ.
"މި އިމްޕްރޫވްމަންޓް ގެންނައިރު ޑޮމެސްޓިކް މި އޮންނަނީ ކުޑަވެފަ. ހަގީގަތަށް ބުނާނަމަ އިންޓަނޭޝަނަލް 50 ޕަސެންޓް ލޯކަލްއާއެކު ޑޮމެސްޓިކުން އުފުލާތާ؟ އެތަނުގައި ވެސް ތިބޭނެތަނާ ޖާގަ ވަނީ ކޮންޖެސްޓް ވެފަ. އެހެންވެ މަސައްކަތް ކުރަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ޑޮމެސްޓިކަށް ބަދަލު ކުރަން. މިހެން ހެދުމުން ދެ ޓާމިނަލް އިންނާނީ ފްލޯ އިން ގުޅާލާފަ،" އާދިލް ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މުޅި މަޝްރޫއުގެ ޖުމްލަ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރައެވެ.