ބޭންކް އޮފް މޯލްޑިވްސް އިން ރޯދަ މަހު ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. މިގޮތުން ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:30 އަށް މެއިން ބްރާންޗް ހުޅުވުމަށްވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްއިން ބުނީ، މިއީ އެހެން ބޭންކުތަކުން ހިދުމަތް ދޭ ގަޑިތަކަށް ވުރެ ދެގުނަ އިތުރު ވަގުތެއް ކަމަށާއި ބީއެމްއެލްގެ އެހެނިހެން ބްރާންޗް ތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑި އިރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތްވެސް ރޯދަމަހު ލިބޭނެ ކަމަށެވެ.
"މި ވަގުތުތައް ކަނޑައެޅުނީ އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންފަރު ރަނގަޅު ކޮށް ރޯދަމަހު ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން. ރޯދަ މަހު މެއިން ބްރާންޗުން ފަސް ގަޑި އިރު ހިދުމަތް ލިބޭނެ، މިއީ އެހެން މަސްމަހު ހިދުމަތްދޭ ވަގުތުތަކަށްވުރެ އެންމެ ބައި ގަޑިއިރު މަދު އަދަދެއް. ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާނެތީ އަޅުގަނޑު އެ މުވައްޒަފުންނަށް ޝުކުރުއަދާކުރަން." ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް ވިދާޅުވި އެވެ.
ރޯދަމަހު ބީއެމްއެލްގެ ހިދުމަތްތައް ހުރި ގޮތް:
- މެއިން ބްރާންޗުން ދޭ ހުރިހާ ޚިދުމަތެއް ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ލިބޭނެއެވެ. އަދި ހަމައެކަނި ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް 1:00 އިން 3:30 އަށް ލިބޭނެއެވެ.
- ބީއެމްއެލް ލައިޓް (އެސްޓީއޯ ޓްރޭޑް ސެންޓަރ) ރަމަޟާން މަހު ބަންދުވާނެއެވެ. ނަމަވެސް އެތަނުގައި ގައިމުކުރެވިފައިވާ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.