ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މައުރީނާއި އިތުރު ހެކިން އަދީބަށް ހާޒިރުނުކުރެވުނު

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ"ގެ މައްސަލާގައި ދިފާއީ ހެކިން ހާޒިރުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދިން އެއް ގަޑިއިރުގެ ފުރުސަތުގައި ހެކިން ހާޒިރުނުކުރެވުމުން މައްސަލާގައި ދިފާއީ ހެކި ބަސް ނުނަގަން ނިންމައިފި އެވެ.

"ފިނިފެންމާ" ގައި ބޮމެއް ހަރުކުރަން އެ ލޯންޗްކޮޅު ބޭނުންކުރި ކަމަށް ތުހުމަތުކޮށް އަދީބުގެ މައްޗަށްކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރެއްވި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެއްކެއްގެ ހެކި ބަސް ނަގާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކި ބަސް ނެގުމަށްފަހު ދިފާއީ ހެކި ހާޒިރުކުރުމަށް އެއް ގަޑިއިރުގެ ފުރުސަތެއް އަދީބުގެ ވަކީލް މޫސާ ސިރާޖަށް ވަނީ ދީފަ އެވެ. ނަމަވެސް އެ މުއްދަތުގައި ހެކިން ހާޒިރުކުރެވިފައެއް ނުވެ އެވެ.

ހެކިން ހާޒިރުނުކުރެވުމުން އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ހެކިންގެ ފޯނު ނިއްވާލާފައި އޮތުމުން ހެކިންނަށް ގުޅޭނެ ގޮތެއް ނުވި ކަމަށެވެ. އަދި އިތުރު ފުރުސަތަކަށް އެދޭ ކަމަށާއި އެކަށީގެންވާ ވަގުތެއް ލިބުނު ކަމަށް ގަބޫލުނުކުރާ ކަމަށް އަދީބު ވިދާޅުވި އެވެ.

މި ޝަކުވާ އަދީބު ކުރެއްވުމުން މިއަދު މި މައްސަލަ ބައްލަވަން ފެއްޓެވި އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބުދުލް ބާރީ ޔޫސުފް ވިދާޅުވީ، އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި ދިފާއީ ހެކިން މަޖުބޫރުކޮށްގެން ކޯޓަށް ގެނައުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. ގާޒީ ބާރީ ވިދާޅުވީ އޭނާގެ އެންގުމަކަށް ކޯޓުގެ އިދާރީ މުވައްޒަފުން އަދީބުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެއްކަކަށް ފޯނުން ގުޅުއްވި ކަމަށެވެ. ނަމަވެސް ފޯނު އޮތީ ނިންވާލާފައި ކަމަށް ގާޒީ ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޯޓުން ގުޅާފައިވަނީ އަދީބު ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްދިނުމަށް އެދިފައިވާ މޯލްޑިވިއަން އައިޑޮލް ހުށަހަޅައިދިން މައުރީނާ އަށެވެ.

މި މައްސަލާގައި އަދީބުގެ ބޮޑީގާޑެއް ކަމަށްވާ ހަސަން ރިކާޒު ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަދި އޭނާ މިއަދު ކޯޓަށް ވެސް ހާޒިރުކޮށްފައިވެ އެވެ. ގާޒީ ބާރީ ވިދާޅުވީ، ރިކާޒްގެ ހެކި ބަސް ނުނަގަން ނިންމާފައިވާ ކަމަށާއި ދައުލަތުންގެ ހެކިންގެ ފަރާތުން ރިކާޒްގެ ފަރާތުން ސާބިތުކޮށްދޭން ބޭނުންވި ކަންކަން އޮޅުންފިލާފައިވާ ކަމަށެވެ.

މި މައްސަލާގައި ދެން އިތުރަށް ހެކި ބަސް ނުނެގުމަށް ނިންމާފައިވާއިރު، މައްސަލާގެ ހުލާސާ ބަޔާން އިއްވުން އަންނަ ހޮނިހިރު ދުވަހުގެ 11:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.