ޓެކްނޯލޮޖީ

ސެމްސަންގް ޓީވީ އަށް އިވޭ ވަރަށް ސިއްރު ވާހަކަ ނުދައްކާތި!

ސެމްސަންގް ސްމާޓް ޓީވީތަކަށް އިވޭ ހިސާބުގައި ތިބެގެން ސިއްރު ވާހަކަތައް ނުދެއްކުމަށް ސެމްސަންގް ކުންފުނިން އިންޒާރު ދީފި އެވެ.

ސެމްސަންގުން މި އިންޒާރު ދީފައި ވަނީ ސްމާޓް ޓީވީތަކުގައި ވޮއިސް އެކްޓިވޭޝަން ފީޗާ ބޭނުންކުރާ މީހުންނަށެވެ. އެ ކުންފުނިން ބުނީ ޓީވީ ކައިރީގަައި ތިބެގެން ދައްކާ ބައެއް ވާހަކަތައް ސެމްސަންގަށް ނުވަތަ ތިން ވަނަ ފަރާތަކަށް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސެމްސަންގުން ބުނީ ޓީވީގައި މި ފީޗާ ބޭނުންކޮށްފައި ވަނީ ސިއްރު ގޮތަކަށް ނޫން ކަމަށާއި ޓީވީގެ ރިމޯޓް ބޭނުންކޮށްގެން ބޭނުންކުރާ އެ ފީޗާގެ މައުލޫމާތު ޕްރައިވެސީ ޕޮލިސީގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި ވޮއިސް އެކްޓިވޭޝަން ފީޗާ ބޭނުންކުރުމުން ވާނެ ގޮތް ބަޔާންކޮށްފައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

"ވޮއިސް އެކްޓިވޭޝަން ބޭނުންކުރުމުން ޓީވީ އަށް ދާ އަޑު ސާވާ އަށް ދާނެ. އަދި އެ ވާހަކައެއް ދެނެގަތުމަށް ފަހު ޓީވީ އަށް އަންނާނެ. އެހެންވެ ޓީވީ އަށް އިވޭ އަޑު އެހެން ފަރާތަކަށް އިވުމުގެ ފުރުސަތު އޮންނާނެ،" ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނެފައިިވެ އެވެ.

ސެމްސަންގުން މި ބަޔާން ނެރުނީ ޓީވީ ސްކްރީން ބޭނުންކޮށްގެން ޖާސޫސްކުރުމާ ބެހޭ ވާހަކައެއް ޝާއިއުކުރުމާ އެކު ސެމްސަންގް ޓީވީތަކާ ބެހޭ ގޮތުން އިންޓަނެޓުގައި އެކި ވާހަކަތައް ދެއްކުން އާންމުވެފައި ވަނިކޮށެވެ.