ހަބަރު

ހެލިކޮޕްޓަރާހެދި ސަލާމަތީ ކަންބޮޑުވުމަކަށް!؟

Feb 10, 2015
6

އިންޑިއާއިން 2013 ވަނަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް ހަދިޔާ ކުރި ދެވަނަ ހެލިކޮޕްޓަރު ކޮބައި ހެެއްޔެވެ؟ ނުއެއް ފެނެއެވެ. ނުގެންނަންޏާ ނުފެންނާނެ ނޫން ހެއްޔެވެ؟ "އަވަސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި ދެވަނަ ހެލިކޮޕަޓަރު ނުނގެނެވިގެން އުޅެނީ، ސަލާމަތީ ގޮތުން ރާއްޖޭގެ ކަންބޮޑުވުންތަކެއް އުޅޭތީ އެވެ.

އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ، ހެލިކޮޕްޓަރެއް ހަދިޔާ ކުރީ، 2010 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގައި ބޭނުން ކުރާ ދުރޫވް މަރުކާގެ އިތުރު ހެލިކޮޕްޓަރެއް ހަދިޔާކޮށްފައި ވަނީ، ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނެވި ދުވަސްވަރު ޑިސެމްބަރު 2013 ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އެ ހެލޮކޮޕްޓަރު އަދިވެސް ރާއްޖެ ގެނެސްފައެއް ނުވެ އެވެ. އަދި އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެކަމަކު ކަށަވަރުވެފައިވާ ގޮތުގައި ދެވަނަ ހެލިކޮޕްޓަރާއެކު އިންޑިއާގެ އަސްކަރިއްޔާގެ އިތުރު 15 މީހަކު ރާއްޖެ އަންނަ ގޮތަށް އިންޑިއާއިން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މީހުންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ދިނުމާއި އެމީހުންނާގުޅޭ ބައެއް ހަރަދުތައް ހަމަޖެއްސުމަށް އެދިފައިވާ ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ސަރުކާރުގެ ކަންބޮޑުވުމަކީ ފުރަތަމަ ހެލޮކޮޕްޓަރާ އެކުވެސް ރާއްޖެ އައި އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ތިއްބާ އާ ހެލިކޮޕްޓަރާ އެކު އަނެއްކާ އިތުރު ބަޔަކު ރާއްޖޭގައި އިމިޔުނިޓީ ދީގެން ބޭތިއްބުމާ މެދު އެވެ. މިހާރު އޮންނަ ހެލިކޮޕްޓަރު އައްޑޫގައި ބާއްވާފައި އޮންނަ އިރު، އޭތި ދުއްވުމުގެ ތަމްރީން ލިބިފައިވާ ސިފައިން ތިބި ނަމަވެސް، އޭތި ދުއްވުމުގެ ހުއްދަ އަދިވެސް ދިވެހި ސިފައިންނަކަށް ނޯވެ އެވެ. އަދި ހެލިކޮޕްޓަރު ސާވިސް ކުރުމާއި އެހެން ވެސް ކަންކަން ކުރަނީ އަދިވެސް ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރީ ޓީމުންނެވެ. އެމީހުން ބައެއް ފަހަރު، ކަމެއް ނެތި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހެލިކޮޕްޓަރުގައި އުދުހޭ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށް އެނގިފައިވެ އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މިއަދު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ކަންތައްތައް ކުރަނީ އިންޑިއާ ސިފައިންނާއި ދިވެހިން ސިފައިންގެ މެދުގައި ސޮއިކޮށްފައިވާ އެގްރިމަންޓެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެގްރިމަންޓްގައި ހުރި ކަންތައްތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހެލިކޮޕްޓަރު ބެލެހެއްޓުމަށް ދިވެހި ސިފައިން ތަމްރީން ނުކޮށްދޭ މައްސަލަ ވެސް އެކި ފަހަރުމަތިން ފެންމަތިވެފައިވާ ކަމަށް އެނގިފައިވެ އެވެ.

ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރި ނާޒިމް އާއި އިންޑިއާޔާ ދެމެދު ގާތްގުޅުންތަކެއް އޮންނަ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ދައުލަތާއި ދެކޮޅު އަމަލުތަކެއް ހިންގުމަށް ނާޒިމް ރޭއްވެވީ، އިންޑިއާގެ އަތެއް ވެސް އަޑީގައި އޮވެގެން ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ވަނީ އިތުރުވެފަ އެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ވާތީ އިންޑިއާގެ ހަަރަކާތްތައް ރާއްޖޭގައި އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ފާހަގަވެފައިވެ އެވެ.