ހަބަރު

ބާ ވެހިކަލް ރަޖިސްޓްރީ ކުރުން ހުއްޓާލައި، ބޮޑު އަގު ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދޭން ފަށަނީ

Feb 10, 2015
1

ދުވަސްވީ ބާ ވެހިކަލްތައް ރަޖިސްޓްރީ ކުރުން ހުއްޓާލައި، އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދޭން ފަށަން ޓްރާންސްޕޯޓް އޮތޯރިޓީން ތައްޔާރުވާން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެއްގަމު އުޅަނދު ފަހަރު ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސިޔާސަތުތަކެއް ކަނޑައަޅަމުންދާ ކަމަށެވެ. 

"މާލެއަށް ޖެހިފައިވާ ޓްރެފިކްގެ މައްސަލަ ހައްލު ކުރެވޭނީ މާލެއަށް އެތެރެކުރެވޭ ވެހިކަލް މަދު ކުރެވިގެން. ކިތަންމެ ވަރަކަށް ޕާކިން ޒޯން ހެދިޔަސް މިކަން ރަނގަޅެއް ނުވާނެ. ކުރިންވެސް ކޮންމެވެސް ވަރަކަށް ހިއްސާކޮށްފައި ވާނެ ސިޔާސަތު ތަކެއް ހަދަމުން ދާ ވާހަކަ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެހިކަލް މަދުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި 15 އަހަރާއި 20 އަހަރު ދުއްވާފައިވާ ވެހިކަލްތައް އަލުން ރަޖިސްޓްރީ ނުކޮށްދިނުން ހިމެނެ އެވެ.

"ގާނޫނު ބުނާ ގޮތުން ވެހިކަލެއް ވަކި ސަރަހައްދެއްގައި ބޫސްޓް ކުރާނަމަ އެއް އަހަރު ދުވަހުގެ މުއްދަތެއް ދޭން ވާނެ. އެހެންވީމަ އެއް އަހަރުގެ މުއްދަތުގެ ފަހުން ރަޖިސްޓްރީ ކުރުން ހުއްޓާލެވޭނީ. އޭގެ ފަހުން ރަޖިސްޓްރީ ކުރެވޭނީ ހުސްވާ ޖާގަތަކަށް،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ރަޖިސްޓްރީ ކޮށްދޭން ފެށުމުން އަހަރަކު ހުއްދަ ދޭނީ 500 ވަރަކަށް އުޅަނދަށް ކަމަށެވެ.

"މިއީ ހަމައެކަނި ރާއްޖޭގައި ކުރާކަމެއް ނޫން. ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން ދަނީ މިހެން. އެއީ ޕާކު ކުރާނެ ތަންތަން މަދުވުމާއި އާއްމުންގެ އުދަނގުލަކަށް ވާ ވަރަށް ވެހިކަލް ގިނަ ވާން ފެށުމުން،" ނާފިޒު ވިދާޅުވި އެވެ.