ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ދެ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުންތައް ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލާފައިވަނީ އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލައާއި މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ މައްސަލާގެ އެވެ.

މިއަދު މި ދެ މައްސަލައިގެ ހުލާސާ ބަޔާން ވަނީ އިއްވާފަ އެވެ. ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ދެ މައްސަލާގެ ހުލާސާ ބަޔާން އިއްވަން ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މޭޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ހެކިވެރިން ހެކި ބަސް ދީފައިވެ އެވެ.

މާބިންހުރާ މައްސަލާގައި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވެ އެވެ.

މި ދެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މައްސަލާގެ ޝަރީއަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް، މައްސަލަ ބެއްލެވުމާ ހަވާލުވެލެއްވި ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު ވިދާޅުވީ، ހުކުމް އިއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.