ރާއްޖެ ކުޅިވަރު

ގައުމީ ކޯޗު ރިކީ ހާބަޓް މަގާމުން ވަކިކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރިކީ ހާބަޓް މަގާމުން ވަކިކޮށްފި އެވެ.

އޭނާގެ ބަދަލުގައި ޓީމު ހަވާލުކޮށްފައިވަނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އަށެވެ.

ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި ނިއުޒީލޭންޑްގެ ކުރީގެ ވޯލްޑް ކަޕް ކޯޗު މަގާމުން ވަކިކުރީ އޭނާގެ ބެލުމުގެ ދަށުން ގައުމީ ޓީމު ދަށް ނަތީޖާތަކެއް ނެރުމުންނެވެ.

ކޯޗު މަގާމުން ވަކިކުރިކަން އެފްއޭއެމުން އަދި ރަސްމީކޮށް ނުބުނެ އެވެ. ނަމަވެސް ރޭ ބޭއްވި ބައްދަލުވުމަށް ފަހު ގައުމީ ޓީމު މިއަދު އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ވާދަކުރަން ގަތަރަށްފުރީ ކޯޗު ނުލަ އެވެ.

ހާބަޓް މަގާމުން ވަކިކުރިއިރު އޭނާއާ ޓީމުގެ ގިނަ އޮފިޝަލުންނާ ވެސް ވަނީ މައްސަލަޖެހިފަ އެވެ. އިންމަގެ އިތުރުން ކުރީގެ އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމާ ކޯޗާ މައްސަލަޖެހުނެވެ. އައްސަދާއި އަސްލަމް ގައުމީ ޓީމުން އިސްތިއުފާދިނީ މިހެންވެ އެވެ.

ކޯޗުގެ ބެލުމުގެ ދަށުން ގައުމީ ޓީމު މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ތިން މުބާރާތެއްގައި ވާދަކޮށް އެއްވެސް މުބާރާތަކުން ކާމިޔާބެއް ނުލިބެ އެވެ. ތިން މުބާރާތުން ވެސް ކެޓީ ސެމީ ފައިނަލުންނެވެ. ނަމަވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް އޭނާ ވަނީ ގައުމީ ޓީމުން ފުރުސަތުދީފަ އެވެ.