ހަބަރު

ދެ އަހަރު ތެރޭ ރާއްޖެއިން އެދުނީ ޓްވިޓާ އެންމެ އެކައުންޓެއްގެ މައުލޫމާތު ހޯދަން

ޓްވިޓާ ބޭނުން ކުރާ މީހުންގެ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކަށް ހާމަ ކުރާ މިންވަރު އާންމު ކުރުމަށް ދެ އަހަރުން އެއް އަހަރު ނެރޭ އެ ރިޕޯޓްގެ މިދިޔަ އަހަރުގެ އަަދަދުގައި ބުނެފައި ވަނީ ޓްވިޓާ އެކައުންޓެއްގެ މައުލޫމާތު ހޯދަން ރާއްޖެއިން އެދިފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހާއި ޑިސެމްބަރު މަހާ ދެމެދުގައި ކަމަށެވެ. އެއީ އިމަޖެންސީ ޑިސްކްލޯޒާ ރިކުއެސްޓެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އެއީ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ނުވަތަ ޖިސްމާނީ އަނިޔާއެއް ކުރިމަތި ވެދާނެ ފަދަ ކުއްލި ހާލަތެއް މެދުވެރިވެގެން، ތަންފީޒީ އިދާރާއަކުން ޓްވިޓާ އެކައުންޓެއްގެ މައުލޫމާތު ހޯދަން އެދޭ ހާލަތްތަކުގައި ހާމަކުރާ މައުލޫމާތެވެ. އެފަދަ ހާލަތެއްގައި ވެސް ޓްވިޓާ އިން މައުލޫމާތު ހިއްސާކުރަނީ ވަރަށް ބޮޑަށް ބަލައި ޔަގީންކޮށްފައި ކަމަށް ޓްވީޓާ އިން ބުނެ އެވެ.

ޖެނުއަރީ 2012 އިން ޑިސެމްބަރު 31، 2014 އާ ދެމެދުގެ ރިޕޯޓްގައިވާ ގޮތުން ރާއްޖެ އިން އެދުނު އެކައުންޓްގެ މައުލޫމާތު ދީފައެއް ނުވެ އެވެ. މި މުއްދަތުގައި ޓްވިޓާ އެކައުންޓެއް ރިމޫވް ކުރުމަށް ރާއްޖެ އިން އެދިފައެއް ނުވެ އެވެ.

މިހާރު 500 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ވެބްސައިޓް ޓްވިޓާ އިން ބުނީ އެ ވެބްސައިޓް ބޭނުންކުރާ 7144 މީހަކާ ގުޅޭ މައުލޫމާތުތައް ހޯދުމަށް 2،871 ފަހަރު އެކި ގައުމުތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 52 ޕަސެންްޓް މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދީފައިވެ އެވެ.

އެންމެ ގިނައިން މީހުންގެ މައުލޫމާތު ހޯދުމަށް އެދުނީ އެމެރިކާ އިންނެވެ. އެ ލިސްޓްގެ ދެވަނައިގައި ތުރުކީ އޮތް އިރު ދެން އެންމެ ގިނައިން މައުލޫމާތު ހޯދުމަށް އެދުނީ ރަޝިޔާ އާއި ޖާމަނީންނެވެ. އަދި ޓްވިޓާއަށް ލާ މައުލޫމާތުތައް ނެގުމަށް އެދުނު ވަރު ވަނީ 84 ޕަސެންޓް އިތުރުވެފައި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ފޭސްބުކާއި އެހެން ސޯޝަލް މީޑިއާ އެޖެންސީތަކުން ވެސް އަންނަނީ އެ ފަރާތްތަކުގެ ޓްރާސްޕޭރަންސީ ރިޕޯޓް އާންމު ކުރަމުންނެވެ. އެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭން ވަނީ ފޭސްބުކް ބޭނުން ކުރާ ބައެއް މީހުންގެ މައުލޫމާތުތައް ވެސް ހޯދަން އެދިފަ އެވެ. އޭގެ ތެރެއިން ބައެއް މައުލޫމާތުތައް ފޯރުކޮށް ދިން ކަމަށް ވެސް ފޭސްބުކްގެ ޓްރާސްޕޭރަންސީ ރިޕޯޓުން އެނގެ އެވެ.