އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލަށް ލާނެ ކަން މިހާރު ޔަގީންވެފައިވާ ކަމަށާއި ޖަލުގައި ދުވަސްތައް ހޭދަ ކުރައްވަން އެމަނިކުފަނަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އެ އަނިޔާއަށް ކެތްކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޖަލުގައި ހުންނަވައިގެން ވެސް އެމްޑީޕީގެ ރައީސްގެ މަގާމު ފުރުމުގެ ފުރުސަތު ދެއްވުމަށް ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"އެމްޑީޕީގެ އާންމު މެމްބަރުންނަކީ ތަސައްރަފު ފުދިފައިވާ މެމްބަރުން. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޝަރީއަތް ނިންމާ ޖަލަށް ލާނެ. އެހެންނަމަވެސް އަނިޔާއަށް ކެތް ކުރާނަން. ޕާޓީގެ ރައީސްގެ ގޮތުގައި ޖަލުގެ ދުވަސްތައް ހޭދަ ކުރުމަށް ފުރުސަތު ދިނުމަށް މެމްބަރުންގެ ކިބައިން އެދެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ސަރުކާރުގައި ވެސް ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމަކު އެއީ މި ސަރުކާރުން އެކަންކަން ތަކުރާރު ކުރަން ޖެހޭނެ ބަހަނާއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރީގެ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތަކާ ހިތްހަމަ ނުޖެހިގެން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ 10 މެންބަރަކު އެމްޑީޕީ- ޖޭޕީ ކޯލިޝަނާ ގުޅުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
މިރޭގެ ގައުމީ މަޖިލިސް އެމްޑީޕީން މި ބާއްވަނީ، ދައުލަތުގެ ވެރިންނަށް ގެއްލުންދީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ހައްޔަރުކޮށްފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރުމަށެވެ. އެ ބައްދަލުވުމުގައި ނާޒިމް ދޫކޮށްލަން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގޮވާލައްވައިފަ އެވެ.