ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހުކުމް ބަލައެއް ނުގަންނަން، އިސްތިއުނާފުކުރާނަން: އަދީބުގެ ވަކީލް

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މިރޭ އަދީބަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަކީލް ސިރާޖު ވިދާޅުވީ، އަދީބަށް މިރޭ އިއްވި ހުކުމް ބަލައި ނުގަނެވޭނެ ކަމަށެވެ. ވީއެންމެ އަވަހަކަށް ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.

"10 ދުވަހުގެ މުއްދަތެއް މި އިންނަނީ އިސްތިއުނާފު ކުރުމަށް، ކްރިމިނަލް ކޯޓުން ލިޔެކިޔުންތައް ލިބުނު އެންމެ އަވަހަކަށް އިސްތިއުނާފަށް ހުށަހަޅާނަން،" ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ، ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ލިބިފައިނުވާ ކަމަށެވެ.

މައްސަލާގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމާއި ހުކުމް އިއްވުން ސިއްރުކުރިއަށް ގެންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ. ހުކުމް އިއްވި އަޑުއެހުމަށް ނޫސްވެރިންނަށާއި އާއިލާއަށް ނުވަދެވުމުން އަދީބު ވެސް ހުންނެވީ ކަންބޮޑުވެފައި ކަމަށް ވަކީލް ވިދާޅުވި އެވެ.

އަދީބުގެ ދައްތަ މިއަދު ކޯޓު ކައިރީގައި ބުނީ، އަދީބަށް އިއްވި ހުކުމް އެއްވެސް ގޮތަކަށް ބަލައިނުގަނެވޭ ކަމަށެވެ. އަދި އަޑުއެހުން ސިއްރުކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.