މަޝްހޫރު ނިއުސްވީކް މަޖައްލާގެ ޓްވިޓާ އެކައުންޓް ހެކްކޮށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އާއިލާ އަށް އިންޒާރުގެ މެސެޖެއް ދީފި އެވެ.
އިސްލާމީ ހިލާފަތެއް ކަމަށް އަމިއްލަ އަށް ހެދިގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ކަމަށް ބުނާ "ސައިބަކެލިފޭޓް ހެކާސް" ކަމަށް ބުނާ ގްރޫޕުން ނިއުސްވީކްގެ ރަސްމީ ޓްވިޓާ އެކައުންޓް ހެކް ކުރުމަށް ފަހު ކޮށްފައިވާ ޓްވީޓްތަކުގައި އިސްލާމިކް ސްޓޭޓްގެ ދިދައިގެ ދަށުގައި ސައިބަ ޖިހާދު ކުރިއަށް ދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސީރިއާ އާއި އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާގެ ބޮންތަކުން މުސްލިމުން މަރައި ގެއްލުން ދެމުން ދާއިރު ސައިބަ ޖިހާދުގައި މި ދަނީ އެމެރިކާގެ ސައިބަ ސެކިއުރިޓީ ސިސްޓަމް ހަލާކު ކުރަމުން ކަމަށް ވެސް ޓްވީޓްކޮށްފައިވެ އެވެ.
"ﷲގެ އިރާދަފުޅާ އެކު ޕެންޓަގަންގެ ކޮމްޕިއުޓަރު ނެޓްވޯކްތަކުގެ ތެރޭގައި ވެސް ސައިބަ ޖިހާދު ދަނީ ކުރިއަށް. ނެޝަނަލް ސައިބަ ސެކިއުރިޓީ ސެންޓަރުގެ ސިއްރު މައުލޫމާތުތަކެއް މިއަދު ވާނީ އާންމުކޮށްފައި،" ޓްވީޓެއްގައި ބުނެފައިވެ އެވެ.
އޮބާމާގެ އަނބިކަނބަލުން މިޝޭލް އަށް އިންޒާރު ދެމުން ބުނެފައި ވަނީ ކުރިއަށް އޮތީ "ބްލަޑީ ވެލަންޓައިން ޑޭ" އެއް ކަމަށެވެ. އަދި މި ދަނީ މިޝޭލްގެ ދެ ދަރިކަނބަލުންނާއި ފިރިކަލުންނަށް ފާރަލަމުން ކަމަށް ބުނެފައިވެ އެވެ.
ހެކްކޮށްފައިވާ އެކައުންޓްގެ ކޮންޓްރޯލް ނިއުސްވީކަށް ލިބުމުގެ ކުރިން ވަނީ އެ އެކައުންޓަށް ވަންނަ މީހުން، ސައިބަ ސެކިއުރިޓީއާ ބެހޭ ސިއްރު އަދި މުހިންމު މައުލޫމާތުތައް ހިމެނޭ ވެބްސައިޓަކަށް ދެވޭ ގޮތަށް ހަދައިފަ އެވެ.
އައިއެސް އަށް ތާއީދުކުރާ ކަމަށް ބުނާ ގްރޫޕުން މީގެ ކުރިން ވެސް ވަނީ މީޑިއާގެ އެކި އިދާރާތަކަށް މިފަދަ ގެއްލުން ދީފަ އެވެ. އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އެކައުންޓް ވެސް ހެކްކުރި އެވެ.