ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ޖަލު ހުކުމަށްފަހު ވެސް އަދީބު ފުލުސް ބަންދުގައި

Jun 6, 2016
1

ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އޭނާ އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށު، ދޫނިދޫ ބަންދުގައި ކަމަށް އެނގިއްޖެ އެވެ.

ތަންފީޒު ކުރަންޖެހޭ ހުކުމެއް ރޭ ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ކޮށްފައިވާއިރު ފުލުހުން ވެސް ބުނީ ހުކުމް ކުރި ނަމަވެސް އަދީބު އަދި ހުރީ ކުރިން ވެސް ހުރި ގޮތަށް ތަހުގީގު ޖަލު، ދޫނިދޫގައި ފުލުހުންގެ ބަންދުގައި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.

އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އައި ފަހުން ފުލުހުންގެ ބަންދުގައި ހުންނެވި ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ އިތުރު މައްސަލަތަކާއި ތަހުގީގު ކުރަމުންދާ އިތުރު މައްސަލަތައް އަދި އެބަހުއްޓެވެ. ނަމަވެސް ތަންފީޒު ކުރަންޖެހޭ ހުކުމެއް އައުމުން އަމަލު ކުރާ އުސޫލްތަކެއް ވެސް އޮވެއެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ މައްސލާގައި ރޭ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ހެކީގެ މައްޗަށް ބަލައި އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދީބަށް ހުކުމް އިއްވާފައިވަނީ ސިއްރު މަޖިލީހެއް ބާއްވައިގެނެވެ.