ހަބަރު

ބަންގްލާދޭޝްގެ ޕެޓްރޯލް ބޯޓްތަކަށް ސިފައިންގެ ޗީފް ޝައުގުވެރިކަން ފާޅުކުރައްވައިފި

ބަންގްލާދޭޝްގެ ޚުލްނާ ޝިޕްޔާޑްގައި ބަންނަ ޕެޓްރޯލް ބޯޓްތަކަށް ރާއްޖޭގެ ސިފައިންގެ ޗީފް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ބަންގްލާދޭޝްގެ ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ބަންގްލާދޭޝްގައި ބަންނަ ޕެޓްރޯލް ބޯޓު ރާއްޖޭގެ ކޯސްޓް ގާޑުގައި ބޭނުންކުރުމަށް ގަންނަން ބޭނުންވާ ކަމަށް ޝިޔާމް ވިދާޅުވި ކަމުގައި ބަންގްލާދޭޝްގެ ބޮޑުވަޒީރުގެ ޕްރެސް ސެކްރެޓަރީ އޭކޭއެމް ޝަހީމް ޗައުދަރީއާ ހަވާލާދީ ބަންގްލާދޭޝްގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ނޫސްތަކުގައި ބުނެފައިވާ ގޮތުން ޝިޔާމް މި ވާހަކަފުޅު ދެއްކެވީ މިހާރު ބަންގްލާދޭޝް އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުުވަޒީރު ޝައިޚް ހަސީނާއާ އެކު އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޝިޔާމް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުން ރާއްޖޭގެ ތަރައްގީ އަށް ކޮށްދޭ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރައްވާފައި ކަމަށް ވެސް ނޫސްތަކުގައިވެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު މާލެ އަށް ކުރިމަތިވި ފެނުގެ ދަތިކަމުގެ ތެރޭގައި ބަންގްލާދޭޝް އިން ފެން ފޯރުކޮށްދީ ފެން ޕްލާންޓެއް ހަދިޔާކޮށްފައި ވާތީ އެކަމަށް ޝިޔާމް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ބަންގްލަދޭޝް ނޭވީގެ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް މުހައްމަދު ފަރީދު ހަބީބުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވާފައި ވާއިރު އެ ގައުމުގެ ޗީފް އޮފް ނޭވަލް ސްޓާފް ވައިސް އެޑްމިރަލް މުހައްމަދު ފަރީދު ހަބީބުއާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.