އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ހުރިހާ ވެސް މައްސަލައަކީ މާލޭގައި 2-0އިން ބަލިވެފައިވުން ކަމަށް ޓީމުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނެފި އެވެ.
ޔަމަން އަތުން ބަލިވި މެޗަށް ފަހު ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް މަގާމުން ވަކިކޮށް ވަގުތީ ގޮތުން ޓީމާ ހަވާލުވެފައިވާ އެސިސްޓެންޓް ކޯޗު އިންމަ މިހެން ބުނީ މެޗުގެ ކުރިން ބޭއްި ޕްރެސް ކޮންފަރެންސްގަ އެވެ.
"މާލޭގައި ބަލިވުމުން ވަރަށް ބޮޑު ދެރައެއް އަހަރުމެންނަށް. އަހަރުމެންނަށް އެ މެޗުގައި ރަނގަޅަށް ނުކުޅެވުނު އަދި ނަތީޖާ ވެސް ގޯސް. އަހަރެން އުއްމީދުކުރަނީ މާދަމާ (މިރޭ) އަހަރުމެން ރަނގަޅަށް ކުޅެ މި ނަތީޖާ ބަދަލު ކުރަން އަހަރުމެންގެ ބެސްޓް ދޭނެ ކަމަށް،" ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ވެސް ގައުމީ ޓީމަށް އިރުޝާދުދިން އިންމަ ބުންޏެވެ.
އޭނާ އަދި ބުނީ މެޗުގެ ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"އަހަރުމެންނަށް މި އޮތީ އުނދަގޫ ޓާސްކެއް. ސަބަބަކީ ފުރަތަމަ މެޗަށް ފަހު އަހަރުމެން ކުޅެން ޖެހޭ ޓީމަށް ރަނގަޅު އެޑްވާންޓޭޖެއް ލިބިފައިވުން. އެކަމަކު އަހަރުމެން ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނަން. އަހަރުމެންގެ ތައްޔާރީތައް ރަނގަޅު. އަހަރެން އުއްމީދު ކުރަނީ މެޗުގެ ކުރިން ކުޅުންތެރިން ޕޮޒިޓިވްކޮށް ކުރި މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމަށް،" އިންމަ ބުންޏެވެ.
ޔަމަނާއެކު ރާއްޖެ ކުޅޭ މި މެޗު މިރޭ 12 ޖަހާއިރު ކުޅޭނީ ގަތަރުގެ އަލް އަރަބީ ސްޓޭޑިއަމުގަ އެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ޔަމަނުގައި މެޗު ނުކުޅެން ފީފާއިން ނިންމުމުންނެވެ. ޔަމަނުގައި ދާހިލީ ހަމަނުޖެހުން ބޮޑުވެ ހަނގުރާމަދަނީ ކުރިއަށެވެ.
މި މެޗަށް ނުކުންނައިރު ޔަމަން ޓީމުން ބުނީ 2-0އިން މާލޭގައ މޮޅުވެފައިވުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. ނަމަވެސް އެއީ މި މެޗުގައި ދޫދޭންވީ ސަބަބެއްނޫން ކަމަށާއި އެމީހުން ބޭނުންވަނީ މޮޅުވެގެން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދާން ކަމަށެވެ.
މި މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ބޫޓާނާއެކު ޕްރިލިމިނަރީ ފަހު ބުރުގައި ވާދަކުރާށެވެ.