މީހުން

ގަދަ ހިތްވަރުން ކުރި ހޯދި ސައުތު ތައުފީގު!

  • ހޮޓާ ހިންގާތާ 45 އަހަރު
  • ވިޔަފާރި ތަރައްގީކުރީ މަސައްކަތުން
  • ކުޅިވަރުގައި ވެސް ތަރިއެއް

މީގެ ފަންސަވީހަކަށް އަހަރު ކުރިއަށްދާއިރު އޭނާގެ ނަމަކީ "އަހުމަދު ތައުފީގެ" އެވެ. އޭރު އަދި "ސައުތު ތައުފީގެ" އް ނޫޅެ އެވެ. އަދި އޭގެ ކުރިޔަށް ދާއިރު މާލޭގައި ވަރަށް އާދައިގެ ޒުވާނެއްގެ ގޮތުގައި އުޅެމުންދަނިކޮށް އޭނާގެ ބެލެނިވެރިން ނިޔާވީ އެވެ. އެ ހިސާބުން ބަލާނެ، މިހަކު ނެތި ތައުފީގު މާލެ ތެރެއަށް "ގިނަވެއްޖެ" އެވެ. މިއީ މިހާރު މިފެންނަ ސައުތު ތައުފީގު އުފެދެން ދިމާވި ހަގީގީ ސަބަބެވެ. އެ ދުވަހުން ފެށިގެން ކުރި ބުރަ މަސައްކަތުން މިއަދު ތައުފީގަކީ ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ކެފޭ/ރެސްޓޯރެންޓް ވިޔަފާރީގެ ވެރިޔާ އެވެ. -- ބްރޭންޑް ނަމެވެ.

"މަޖީދިއްޔާގައި ގްރޭޑް ހަތަރެއްގައި އުޅުނީ. އެ ހިސާބުން ފޮތް ފަންސޫރު ގަންނާނެ ގޮތެއް ނެތިގެން ސްކޫލުން ކެނޑުނީ. ދެން ހިތަށް އެެރީ މަސައްކަތް ކުރާނީއޭ. އެހެންވެ ނުކުތީ އޭރު ބާޒާރު މަތީގައި ހުރޭ ސައި ހޮޓާތައް. އެހެން އުޅެނިކޮށް ސައިހޮޓަލެއް ހިންގާ މީހަކު ބުނީ ކަލޯ ކުޑަ ސޮރާއޭ އަންނަވީއެއްނުންހޭ ތިމަންނަ ކައިރީ މަސައްކަތް ކޮށްލަން. އެހެންވެ ސައިހޮޓާ ހިންގަން ދިޔައީ. ސައިހޮޓާ ކިޔަސް އެ ދުވަސްވަރު ކަރަންޓެއް ނުހުރޭ. ބިގަރު ދިއްލާފައި އެ ތަންތަނުގައި ހުންނަނީ،" ތައުފީގު މަސައްކަތް ފެށުނު ގޮތް ކިޔަދައިދިނެވެ.

އޭރު ސައުތު ތައުފީގު މަސައްކަތް ކުރި ހޮޓާ ހުންނަނީ ގައުމީ ހޮޓަލުގެ ދެކުނުންނެވެ. އެ ހޮޓަލުގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާ އެވެ. މެންދަމުން އަލިވެ ތިނެއް ޖަހާއިރަށް ހޮޓަލަށް ގޮސް އޭނާ އެ ތަން ހުޅުވަ އެވެ.

"އެ ތަން ހިންގަން ހުރި މީހާ ކުޑަކޮށް ބަލި. އެހެންވެ އޭނަ ބުނީ އަޅުގަނޑު އެތަން ހިންގާފައި ކޮންމެ ވެސް އެއްޗެއް ދޭށޭ. އެހެންވެ ގެއިން ރޮއްޓާ ރިހަ ގެނެސްގެން ވިޔަފާރި ކުރަމުން އައީ،" ތައުފީގު ކިޔައިދިނެވެ.

އޭގެ ފަހުން ހޮޓާ ހިންގުމުގައި ތައުފީގު ހީވީ އިންޖީނެއް އަޅައިގެން އުޅުހެނެވެ. ހޮޓާ ވިޔަފާރީގައި ދުއްވައިގަތީ ބާރަކަށެވެ. އެއާއެކު މީހުންގެ ހުށަހެޅުންތައް ވެސް އޮހެންފެށި އެވެ. ހޮޓާ ހިންގާ އެހެން ވިޔަފާރިވެރިއެއްގެ ބޮޑު އޮފާއެއް އޭނާއަށް ލިބުމެެވެ. އެއީ ބޮޑު ހޮޓަލެއް ހުޅުވުމަށެވެ.

"އޯކިޑްމަގުގެ ފުރަގަހުގައި ހުރިތަނެއް ހުޅުވީ. އެތަނަށް މި ކިޔަނީ ވާލު އަބްދުﷲ ފިހާރަ. ވަރަށް ރަނގަޅަށް ވިޔަފާރި ހިންގައިގަތް. އަޅުގަނޑަށް އެނގޭ ހެދިކާ ހަދަން. ތަން ފެށިތަނާ އަހަރެއްހާ ދުވަސްފަހުން އޭނަ [އަބްދު] އާ ގުޅޭނެ މީހަކުވީ. އެހެންވެ ދުވަސްކޮޅަކު މަޑުކޮށްލައިގެން ހުރީ،" ސައުފީގު ބުންޏެވެ.

މި ހިސާބުން ތައުފީގު މަސައްކަތް ހުއްޓާލީއެއް ނޫނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަން ދިޔައީ އޮޅުތެރެ މޫސާ މަނިކު ކައިރި އަށެވެ. ކުރީގެ ދަރު މާރުކޭޓު ކައިރީގައި ހުންނަ މި ހޮޓަލުގައި ތައުފީގު މަސައްކަތް ކުރީ މެނޭޖަރެއްގެ ގޮތުގަ އެވެ. މުޅި ހޮޓާ ހިންގަމުން ދިޔައީ އޭނާގެ މާލިމީކަމުގެ ދަށުގަ އެވެ.

މިއީ، ސައުތު ތައުފީގުގެ ނަން ފެށިގެން ދިޔަ ދުވަސްވަރެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1973 ގައި އޭނާއަށް ސައުތު ބްރީޒް ލިބުނީ އެވެ.

"ސައުތު ބްރީޒަށް ބަދަލުވެފަ. އެތަނުގައި އުޅުނީ،" ތައުފީގު ބުންޏެވެ.

ސައުތު ތައުފީގަކީ ހަމައެކަނި ހޮޓާ ހިންގާ މީހެއް ނޫނެވެ. އޭނާއަކީ ކުޅިވަރުގެވެސް މީހެވެ. މި ގޮތުން 1970 އިގެ އަހަރުތަކުގައި މާލޭގައި ބާއްވަމުން އައި ބައިސިކަލް މުބާރާތްތަކުގައި އޭނާގެ ނަން ވަރަށް މަޝްހޫރުވި އެވެ. ސައުތު ހޮޓަލުގެ މަސައްކަތް ފެށިގެން ދިޔައީ މި ގޮތުން ބައިސްކަލް މުބާރާތެއްގައި ލިބުނު 400ރ. އިން ގަތް ސާމާނުންނެވެ. އިނާމަަށް ލިބުނު 400ރ. އިން ތެލި، ތަށި ގަނެ، ހެދިކާ ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށީ އެވެ.

"ހެދިކާގެ ކަންތައް ކުރިއަށް ގެންގޮސް ގެންގޮސް ހުއްޓާ މާލޭގައި ކޮލެރާ ފެތުރެން ފެށީ. އެ ހިސާބުން ސަރުކާރުން އަންގައިގެން މަސައްކަތް ހުއްޓާލީ،" ތައުފީގު ކިޔައިދިނެވެ. ކޮލެރާގެ ސަބަބުން މަސައްކަތް ހުއްޓިގެން ދިޔަނަމަވެސް އޭނާގެ އަޒުކަމަށް ބަދަލެއްނާދެ އެވެ.

"އަޅުގަނޑު ހިތަން އެރީ ހުއްޓައެއް ނުލާނަމޭ. އެހެންވެ ގާޑިޔަލެއް ހިފައިގެން ދިޔައީ ބާޒާރަށް. އެތަނުން ގޮސް މަސްކޮޅެއް ގަނެގެން ލޮނު މަސް އަޅަން ފެށީ. އަތް ގާޑިޔާ ދަމަނީވެސް އަމިއްލައަށް. މިގޮތަށް ލޮނުމަސް ވިއްކަނިކޮށް ހަކުރާ ފިހާރައިން އައިސް ބުނީ ތައުފީގު އައިސް ދޭށޭ. ގޮސް ހެދިކާ ހަދައިދޭށޭ. އެ ތަނުން ލާރިކޮޅު ލިބެން ފަށައިފައި. އެހެންވެ އަވަހަށް އެއްޗިހި ގަތީ،" ތައުފީގު ބުންޏެވެ.

އެ ދުވަސްވަރު މާލޭގެ ގެއެއްގައި ހެދިކާ ހަދަން ފުރަތަމަ ފެށީ ސައުތު ބްރީޒްގަ އެވެ.

"އަޅުގަނޑު އަމިއްލަ އަށް ގޮއިދޫގޭ ހޮޓާ ހިންގަން ފެށީ. އޭގެ ފަހުން ސަބްނަމް ހޮޓާ ނެގީ. އެ ދުވަސްވަރު ވަރަށް ބައިވަރު ފައިސާ ލިބުނު،" ތައުފީގު ބުންޏެވެ.

ތައުފީގު ބުނި ގޮތުގައި އޭނާ ވިޔަފާރީގައި ކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ އަގު ހެޔޮކޮށް އެންމެންނަށް އެކަށީގެންވާ ސާމާނު ވިއްކުމެވެ.

"އެ ދުވަސްވަރު ހޮޓާ ހިންގާ މީހުން އެއް ތަނަކަށް އެއްވެ މަޝްވަރާ ކުރި ވިއްކާ އެއްޗިހީގެ އަގުތައް ބޮޑު ކުރަން. އެކަމަކު އަޅުގަނޑު އެއްބަސް ނުވީ. އެކަމާ ވަރަށް މައްސަލަ ގޯސްވި،" ތައުފީގު ބުންޏެވެ.

ސައުތު ތައުފީގު ހިތްވަރާއެކު ނުކުމެ ކުރި މަސައްކަތުން އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ. މިގޮތުން ދިވެހި ސިފައިންނަށް ކާން ދިނުމަށް ވެސް އޭނާ ވަނީ ހިދުމަތް ކުރި އެވެ.

ތައުފީގު ބުނި ގޮތުގައި ސިފައިންނަށް ކެއުން ތައްޔާރު ކޮށްދިން ދުވަސްވަރު ފެންވަރު ރަނގަޅު ހިދުމަތެއް ދީފައިވާ ކަމަށެވެ.

"ހަގީގަތުގައި ސަރުކާރަށް މާބޮޑަށް ހަރަދު ކުޑަވާނެ އަމިއްލަ ބަޔަކާ ހަވާލުކުރީމަ. އަޅުގަނޑު ދެކޭ ގޮތުގައި އަހަރެއްގެ މައްޗަށް ހަ މިލިއަނެއްްހާ ރުފިޔާ ސަލާމަތް ވާނެ،" ތައުފީގު ވިދާޅުވި އެވެ.

ސިފައިންނަށް ކާން ދިނުމުގެ އިތުރުން ތައުފީގު ވަނީ 1990 ވަނަ އަހަރުން ފެށިގެން މަސް މާރުކޭޓު ހޮޓާ ވެސް ހިންގަމުންނެވެ.

"އެތަނުން ފައިދާއެއް ނުވޭ. އެކަމަކު މަސްވެރިންނާއި ދަތުރުވެރިންނަށް އަގުހެޔޮކޮށް އެއްޗިހި ލިބޭނެ އިންތިޒާމު ހަމަޖައްސަން ހެދީ،" ތައުފީގު ބުންޏެވެ.

ސައުތު ތައުފީގު މިހާރު ތައްޔާރު ވަމުންދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކައިވެނި ޕާޓީ ބޭއްވުމަށެވެ.

"މިހާރު ސްކޫލް ކެންޓީން އާއި ސަރުކާރުގެ ޖަލްސާތަކަށް ބޮޑު ޑިމާންޑެއް އޮވޭ،" ހޮޓާ ހިންގުމުގައި އުޅޭތާ 49 އަހަރުވެފައިވާ، ތައުފީގު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން ގޭގޭގައި ކާތަކެތި ވިއްކުމާއި ބިދޭސީ ކޭޝިއަރުންގެ މައްސަލަ އެވެ.

"ބިދޭސީން ފައިސާ ވަތްގަނޑުގައި ތިބުން މައްސަލައަކީ. ސަރުކާރުން އެބަޖެހޭ ހަށުކަށި ފިޔަވަޅު އަޅަން. ހުއްޓުވަން،" ތައުފީގު ބުންޏެވެ.