އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަން އަތުން ރާއްޖެ 2-0 އިން ބަލިވެއްޖެ އެވެ.
ގަތަރުގެ އަލް އަރަބީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 31 ވަނަ މިނިޓްގައި އައިމަން އަލް ހަގްރީ އެވެ. ދެވަނަ ލަނޑު ޖެހީ 80 ވަނަ މިނިޓްގައި އަކުރަމް ހަމޫދެވެ.
މި މެޗުން ބަލިވުމުން ގްރޫޕް ސްޓޭޖުގައި ވާދަކުރަން ރާއްޖެ ޕްރިލިމިނަރީގެ ފަހު މެޗުގައި ވާދަކުރަންޖެހޭނީ މިރޭ އިންޑިޔާ އަތުން 6-1އިން ބަލިވި ލާއޯސްއާ އެވެ.
މާލޭގައި ޔަމަނާ ދެކޮޅަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ކުޅެގެން ވެސް ރާއްޖެ ބަލިވީ 2-0އިންނެވެ. އެ މެޗަށް ފަހު މި މެޗާ ރާއްޖެ ކުރިމަތިލީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް މަގާމުން ވަކިކުރުމަށްފަހު އެވެ. މި މެޗުގައި ޓީމަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އެވެ.