އަންހެނުންގެ ދުވަސް

ޝައްކެތް ވެސް ނެތް، ހިތްތަކުގެ މިސް!

ނުކުޅެދުންތެރިކަން ހުންނަ ކުދިން ހާއްސަކޮށް އޯޓިޒަމް ހުންނަ ކުދިންގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ، ވަރަށް ކެތްތެރި، ހިތްހެޔޮ މީހަކަށް ނޫނީ ވާނެ ކަމެއް ވެސް ނޫނެވެ. އެގާރަ އަހަރުވަންދެން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދޭން އިމާދުއްދީނު ސްކޫލްގައި ހަޔާތުގެ ދުވަސްތައް ހޭދަކުރި މަރިޔަމް ޝަތްރަތު ޝާކިރަކީ މިކަމުގައި އެފަދަ ދެވަނައެއް ނަމެކެވެ. -- އޭނާ އަކީ ހުރިހާ ކުދިންގެ ޝައްތު މިސް އެވެ.

ޓީޗިން ނިންމާލުމަށްފަހު ޝައްތު މިސް އިމާދުއްދީން ސްކޫލާ ގުޅުނީ ހާއްސަ އެހީގެ ކުދިންގެ ޓީޗަރެއްގެ ގޮތުގަ އެވެ. އޭރު ހަމައެކަނި ޕްރީ ސްކޫލް ޓީޗިން ހަދާފައިހުރުމުން އެފަދަ ކުދިންގެ ކަންކަން ހައްލުކުރާނެ ގޮތެއް ނޭނގުނެވެ. ނަމަވެސް އެދަފަ ޓީޗަރެއްގެ ގޮތު އެ ސްކޫލާ ގުޅުނީ އެފަދަ ކުދިންނަށް ހިދުމަތް ކުރަން އޮންނަ ޝައުގު ބޮޑު ކަމުންނެވެ.

އެ ޝައުގުވެރިކަން އުފެދުނީ ކީއްވެގެން ހެއްޔެވެ؟ ޝައްތު މިސް ބުނި ގޮތުގައި އެ ޝައުގުވެރިކަން އުފެދުނީ ގުރޭޑް އެކެއްގައި ކިޔަވައިދޭން އައި ޓީޗަރެއްގެ ސަބަބުންނެވެ. އެ ޓީޗަރަކީ ޖިސްމާނީ ގޮތުން އުނިކަމެއް ހުންނަ ޓީޗަރެއް ނަމަވެސް، އެއީ ކުދިން އެންމެ ލޯބިވާ ޓީޗަރެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެގެނެވެ. އުނދަގޫތަކާއެކު ވެސް އެހެން މީހުން އުފާކޮށްދިނުމަށް އެ މިސް ކުރި މަސައްކަތަކީ ޝައްތު އަށް ފިލާވަޅުތަކެއް ލިބުނު ކަމަކަށް ވި އެވެ. އޭގެ އިތުރަށް ޓީޗިން ކޯސް ހެދިއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މޮޑިއުލް ކިޔަވާން ޖެހުމުން ވެސް އެފަދަ ކުދިންނަށް ކިޔަވައިދޭނެ ހާއްސަ ޓީޗަރުން ތިބެންވާނެ ކަމުގެ އިހުސާސް ކުރެވުނެ އެވެ. އޭރަކު އަދި އެކަމަށް ހާއްސަ ޓީޗަރުންނެއް ރާއްޖެއަކު ނުތިބެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހިތާ އެންމެ ގާތުން މަސައްކަތްކުރާ ޝައްތު މި ދާއިރާއިން އިތުރަށް ކިޔަވަން ނިންމީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި ދުވަސްވަރު ދިމާވި ހާދިސާތަކަކާ ގުޅިގެން އެފަދަ ހާދިސާތަކެއް ދިމާވާ ހިނދު ކަންތައް ކުރާނެ ގޮތް ނޭނގުމުންނެވެ.

"އެއް ދުވަހަކު ކުއްޖަކު އައިސް ކަނާތް ނަގައިގެން ބަލަހައްޓައިގެން ހުންނަނީ، އެއީ އޯޓިޒަމް ހުންނަ ކުއްޖެއް، އަތް ނަގައިގެން ބަލަހައްޓައިގެން ހުންނާތީ ތަންކޮޅެއް ގާތްވެލިން، އޭގެ ތިން ދުވަސް ފަހުން އަތުގައި އިން ކަޅުތިލައިގައި އަތް ޖައްސަނީ، ދެން އެނގިއްޖެ ކަޅުތިލަކަން އެ ދައްކަނީ، ދެން ވެސް އެހެން ހާދިސާއެއް ދިމާވީ، ފިލްޑް ޓްރިޕަކަށް ގޮސްފައި ކުދިން ގޮވައިގެން ސްކޫލަށް އަންނަނިކޮށް މަގުމަތިން ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކުއްޖަކު ތަތްވީ، ހަމައެއްކޮށް ހިއްޕާލީ، ދެން ގަދަކަމުން ދަމަަނީ ދަމަނީ އެކަމަކު ނުވެއް އައި، ދެން ރޯން ފެށީ، ވެއްޓިގަތީ، އައި ވޯސް ހޯޕްލެސް، ހަދާނެ ގޮތެއް ނޭނގޭ އެފަދަ ހާލަތްތަކުގައި،" ޝައްތު ކިޔައިދިނެވެ.

މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ނޭނގުމުން ޝައްތު ވިސްނީ އެ ދާއިރާއިން ކިޔަވާށެވެ. ކިޔަވަން ބެލިއިރު ރާއްޖޭގައި އެ ތައުލީމްދޭ އެއްވެސް ތަނެއް ނެތެވެ. އެ ދާއިރާއަށް މީހުން އުފައްދާނެ ޓްރެއިނިންތަކެއް ރާއްޖެއަކު ނެތެވެ. އެހެންވެ އަމިއްލައަށް ކިޔަވަން އަޒުމު ކަނޑައަޅައި ޝައްތު އިންޑިޔާއަށް ދަތުރު ކުރީ އެންމެ ބޭނުމެއްގަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހާއްސަ ބަޔަކު ރާއްޖޭގެ އެފަދަ ކުދިންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ގަބޫލު ކުރެވިގެނެވެ.

އޯޓިޒަމް ކުދިންނަށް ކިޔަވައިދިނުމަށް އިންޑިއާގައި އެޑްވާންސް ޑިޕްލޮމާ ޝައްތު ހެދީ 2008 ވަނަ އަހަރު އެވެ. އޭރު އޯޓިޒަމަކީ ކޮބައިކަން މި ރާއްޖޭގެ އާންމުންނަކަށް އެހާބޮޑަކަށް ނޭނގެ އެވެ. އޯޓިޒަމްގެ ވާހަކަ ރާއްޖޭގައި އޭރު ނުވެސް ދައްކަ އެވެ.

ޝައްތު ކިޔަވައިގެން އައިއިރު ކަޅުތިލައަށް ބެލި ކުއްޖާ ކަޅުތިލައަށް ބެލި ސަބަބާއި ބިއްލޫރިގަނޑުގައި ތަތްވި ކުއްޖާ ބިއްލޫރުގަނޑުގައި ތަތްވި ސަބަބު ޝައްތު މިސްއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ދެ ވަނަ ފަހަރަށް އިމާދުއްދީންއާ ޝައްތު ގުޅުނީ ވަރަށް ބޮޑު އުއްމީދާއި އަޒުމާ އެކު އެވެ. ކުދިންނާ ގާތުން އެކުދިންނަށް ބޭނުންވާ ކަންކަން އެނގިގެން މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަމާއެކު އެވެ.

ލިބުނު ތައުލީމާއި ތަޖުރިބާއާއެކު އާ ހިތްވަރަކާއެކު މަސައްކަތް ފަށައިގަނެ އެންމެ ބޮޑު އިސްކަމެއް ދިނީ ދާއިރާއަށް ވީހާވެސް ގިނައިން މީހުން ތަމްރީނުކު ރުމަށެވެ.

"އެކީ މަސައްކަތްކުރާ އެހެން ޓީޗަރުން އިތުރަށް ހޭލުންތެރިކުރުމަށް އެ ޓީޗަރުން ގޮވައިގެން ޓެރެއިނިންތަކަށް ދާން ފެށީ، ފުރުސަތުތައް ހުޅުވައިދިނީ، އެހެން ގައުމުތަކުގައި ކިޔަވައިދޭ ގޮތްތައް ކިޔައިދިނީ، އެކުގައި މަސައްކަތްކުރި ހުރިހާ ޓީޗަރުންނަށް ވެސް ހިތްވަރު ލިބި، އާ ސްޓްރެޓެޖީތަކާއެކު މަސައްކަތްކުރަން ފެށީ،" ޝައްތު ބުންޏެވެ.

އެކީގައި އުޅޭ ޓީޗަރުން ހޭލުންތެރިކުރުމުގެ އިތުރުން މިސް ވަނީ އާންމުން ހޭލުތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޯޓިޒަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި ބޭއްވި ހިނގާލުމުގެ މުގުލުގައި ވެސް ހުރީ ޝައްތު މިސް އެވެ. އަދި ހަމައެހެންމެ އޯޓިޒަމަށް ހޭލުންތެރިކުރުމަށް ހަދާފައިވާ ދެ ލަވައަކީ ވެސް ޝައްތު މިސް އިސްނަގައިގެން ހަދާފައިވާ ދެ ލަވަ އެވެ.

މިހާރު ސިންގަޕޫރުން ވެސް ތަފާތު ޓްރެނިންތަކެއް ހަދާފައިވާ ޝައްތު މިސްއަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާމެދު މީހުން ހޭލުންތެރިކުރުމުގައި އަމަލީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ވެސް ކޮށްފައިވާ މިސްއެކެވެ. އަދި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސްޕެޝަލް ނީޑްސް އެޑިއުކޭޝަން(ސެން)ގެ ޔުނިޓްތައް ގާއިމުކުރުމުގައި މިސް ހަރަކާތްތެރިވެފައިވެ އެވެ. އެ ޔުނިޓްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން ވެސް ހޭލުންތެރިކުރުވާފައިވެ އެވެ. މި ހުރިހާ މަސައްކަތްތަކެއްގެ ސަބަބުން މިހާރު އޯޓިޒަމް ކުދިންނަކީ މުޖުތަމައުގައި ބަލައިގަންނަ ކުދިންތަކަކަށްވެފައިވާ ކަމަށް މިސް ބުންޏެވެ. ނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް މިކަމަށް ހޭލުންތެރިކަން ކުޑަކަމަށް މިސް ބުންޏެވެ.

"2009 ގައި އެންމެ ފުރަތަމަ ހިނގާލުމެއް ބޭއްވުނީ، އެ ހިނގާލުމުގެ ސަބަބުން މީހުން މިކަމާ ވިސްނަން ފެށި، އޯޓިޒަމްއަކީ ބައްޔެއްތޯ ސުވާލުކުރަން ފެށި، އެއީއޭ މިސް ބުނާނީ ހޭލުންތެރިވުމަށްޓަކައި މީހުން ތެދުވެ މަސައްކަތްކުރަން ފެށި ސަބަބަކީ، ކޮންމެ ކަމެއްގައި ވެސް ބަޔަކު އިސްނެގުމުން އެކަމެއް ކުރިއަށް ދާނެ،" މިސް ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކަކަށް ކިޔަވައިދިނުމުގައި މުޅި ދުވަސް ހޭދަކޮށްލާ ޝައްތު މިސްއަށް ކޮންމެ ދުވަހެއް ވެސް ވަނީ އާކަމެއް ދަސްވެ، އާ ތަޖުރިބާތަކެއް ކުރަންޖެހޭ ދުވަހަކަށެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު ކަމެއް ކުރިމަތިވި ނަމަވެސް އެ ކުދިން ފެނުމުން އުއްމީދުތަކެއް އާލާވާ ކަމަށް މިސް ބުންޏެވެ. އެ ކުދިން ތަހައްމަލުކުރާ ކަންތައްތަކާ ބަލާފައި މިސްއަށް ތަހައްމަލްކުރަން ޖެހެނީ އެއްވެސް ކަމެއް ނޫން ކަމުގެ އިހުސާސްކުރެވޭ ކަމަށް މިސް ބުންޏެވެ.

"ކުއްޖާއާ ވަރަށް ބޮޑަށް ގުޅިފައި މިތިބެނީ، ކުއްޖާ އައިސް ކޮއްޓާލައި ގޮވާލައި، ގިނަ ކުދިންނަކީ ވާހަކަ ދެއްކޭ ކުދިނެއް ވެސް ނޫން، އެކަމަކު އައިސް އެ ގޮވާލައި ގޮވާލުން، އަނގައިން ނުބެނެވޭ ކުއްޖާ ކޮއްޓާލާފައި އެ ކުއްޖާގެ ބޭނުން ބުނެދިނުން، ނުވަތަ ބަހެއް ނުބުނެވޭ ކުއްޖާ އެންމެ ބަހެއް ބުނެލުމުން ވެސް ވަރަށް އުފާވޭ،" މިސް ބުންޏެވެ.

ކުދިންނާ އުފެދިފައިވާ ގާތް ލޯތްބެއްގެ ސަބަބުން އުފަލުން ގޮސް ރޮވޭ އެތައް ކަންތައްތަކެއް މިސްއާ ކުރިމަތިވެފައިވެ އެވެ. އެކުދިންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ މިސްއަށް ޖަވާހިރެއް ލިބުންފަދަ ކަމެކެވެ. އެފަދަ އެއް ހާދިސާ ޝައްތު މިސް ހިއްސާކޮށްލި އެވެ.

"މިސާލަކަށް މުހައްމަދު، އަސްލު ނަމެއް ނޫން މި ބޭނުންކުރަނީ، ކޮންމެ ދުވަހަކު ވެސް ރެޖިސްޓާ ނަގާފައި ނަން މި ގޮވަނީ މުހައްމަދު، މުހައްމަދު ކިޔާފައި، އެއީ އޭރު ވާހަކަ ނުދެއްކޭ ކުއްޖެއް ވީމަ އެއްވެސް ވަރަކަށް ރިޕްލައިއެއް ނާދޭ، އެހެން ހުއްޓާ އެއް އަހަރު ވާން އުޅެނިކޮށް ރެޖިސްޓާއަށް ބަަލައިގެން އިނދެފައި މިސް ގޮވާލީ، ގޮވާލާއިރަށް ލައްބަ، ދެން ނޭނގުން އެވީ ގޮތެއް ބުނެދޭކަށް ވެސް، ރެޖިސްޓާ ގަނޑާއި ފަންސޫރާ އެއްޗެހި ވެސް އެއްލާލާފައި ދުވެފައި ގޮސް އޭނާގެ ގައިގާ ބައްދާލެވުނީ، ވީ އުފަލެއްގެ ބޮޑުކަމުން، އަޑެއް ނާހަން އޭގެ ކުރިން ބަހެއް ބުނި އަޑެއް، އެކަމަކު ގިވްއަޕް ނުކޮށް ކުރިއަށް ގެންދިޔައީ، މިސް ކޮންމެ ދުވަހަކު ނަން ގޮވާފައި ލައްބަ ވެސް ބުންނަން، އޭނާ ދޭން ޖެހޭ ޖަވާބު ވެސް ދެން،" ޝައްތު މިސް ކިޔައިދިނެވެ.

އިމާދުއްދީން ސްކޫލަށް މިހާގިނަ ދުވަހު ހިދުމަތްކުރުމަށްފަހު އެ ދަތުރަށް މިހާރު ވަނީ ނިމުން ގެނެސްފަ އެވެ. އިމާދުއްދީން ސްކޫލްގެ އެކުވެރި ޓީޗަރުންނާއި މެނޭޖްމެންޓާއި އެންމެ ލޯބިވާ ކުދިން އަދި އެ ކުދިންގެ ބެލެނިވެރިން ދޫކޮށް ދިޔުމަށް ޝައްތު މިސް ވަނީ ނިންމާފަ އެވެ. އެކަމާ ހިތާމަކުރާ ކަމަށް ވެސް މިސް ބުންޏެވެ. ޝައްތު މިސް މިހާރު ވަނީ އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި އެ ސްކޫލާ ގުޅިފަ އެވެ. އަމީނިއްޔާ ސްކޫލްގައި ވެސް މިސް ކިޔަވައިދޭނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

މި ދާއިރާގައި މިސް ކުރާ އުއްމީދުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ މުޖުތަމައު ހޭލުންތެރިކުރުމެވެ. ދެވަނަ ކަމަކީ ކޮންމެ ކުއްޖަކަށް ވެސް ސްކޫލްގައި ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ލިބޭނެ ގޮތްވުމެވެ. ތިންވަނަ ކަމަކީ ދާއިރާއަށް މީހުން ބިނާކުރުމެވެ. ރާއްޖޭގައި ތެރެޕިސްޓެއް ނެތުމަކީ މިސް އެންމެ ހިތާމަކުރާ އެއް ކަމެވެ. މީގެއިތުރަށް ވެސް ނުކުޅުދުންތެރިކަން ހުންނަ ކުދިން ވަކިނުކޮށް އެހެން ކުދިންނާ އެކުގައި ކިޔަވައިދެވޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ ވެސް ކުރާ އުއްމީދެކެވެ.

"ބޭނުންވަނީ މި ދާއިރާއިން މާސްޓާސް ހާސިލުކޮށްގެން، ޕޮލިސީ ލެވެލްގައި ކުދިންނަށް ހެދޭ ޕޮލިސީތަކާއި ކިޔަވައިދިނުމަށް ޕޮލިސީތައް ހެދުމުގައި އަމަލީ ގޮތުން ބައިވެރިވުން،" މިސް ބުންޏެވެ.

ޝައްތު މިސް ވަނީ ދެ އަހަރެއްގައި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވެ ދެ ކަރުދާހެއް ހުށަހަޅާފަ އެވެ. މީގެއިތުރުން 2014 ވަނަ އިންކްލޫސިވް އެޑްވައިޒަރީ ކޮމެޓީގައި ސެން ޓީޗަރެއްގެ ގޮތުގައި ތަމްސީލުވުމުގެ ފުރުސަތު ވެސް މިސްއަށް ލިބިފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ދޭ އެކްސެލެންސީ އެވޯޑް ފުރަތަމަ ފަހަރަށް ސެޕެޝަލް ނީޑް އެޑިއުކޭޝަނުން ހާސިލުކޮށްފައިވާ ޝައްތު މިސްގެ އުއްމީދީ ދުނިޔޭގައި ކުލަ ޖެއްސުމުގެ ގޮތުން މިހާރު ވެސް ދަނީ މި ދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ. ދާއިރާގައި މިސް ދާން ބޭނުން ހިސާބު ވަރަށް ދުރެވެ. އެ ދަތުރުގައި ބޭނުންވަނީ އެކުވެރި ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުމެވެ.

"ޓީޗަރުންނަށް ބުނެލަން ބޭނުންވަނީ ގޮތް ހުސް ނުވައްޖޭ، ޓީޗަރެއް ވިއްޔާ ކޮށްލެވޭނެ ކޮންމެ ވެސް ކަމެއް އޮންނާނޭ ސްޕެޝަލް ނީޑްސް ކުއްޖެއް ކުލާހުގައި އިނދެއްޖެޔާ، ބެލެނިވެރިންނަށް ބުނެލަން ބޭނުންވަނީ ގޮސް ހުސް ނުވައްޖޭ، ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކޭ، ކޮންމެ ދަރިފުޅަކީ ވެސް އެމީހަކަށް ހިނިތުންވުން ގެނެސްދޭނެ ކުއްޖެކޭ،" ޝައްތު މިސް ބުންޏެވެ.

މިހާ ކާމިޔާބު ދިގު ދަތުރެއް ޝައްތު މިސްއަށް ހާސިލުކުރެވިފައިވަނީ މިސްގެ މަންމަ އާއި އާއިލާގެ ސަބަބުންނެވެ. މިނިވަން، ބާރުގަދަ އަންހެނަކަށްވުމުގެ އަޒުމު ޝައްތު މިސްއަށް ލިބުނީ އޭނާގެ މަންމަގެ ކިބައިންނެވެ. ދިރިއުޅުމުގައި މަންމަ ދެއްކި ރީތި ނަމޫނާއިންނެވެ. ހުރިހާ އަންހެނުންނަށް މިސް ދޭން ބޭނުންވާ މެސެޖެއް އެބަ އޮތެވެ.

"ހިތްވަރުދީ، އެހެން އަންހެނުންނަށް އިހުތިރާމް ކުރާށެވެ."