- އެ މައްސަލައިގައި ކުރަނީ ޓެރަރިޒަމްގެ ދައުވާ
- ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރުން މަތީގެ ހުކުމެއް
- އަދީބު މިހާރު ވެސް ހުންނެވީ 10 އަހަރު ޖަލު ހުކުމެއްގައި
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި މިރޭ ހުކުމްކުރުމަށް ތާވަލުކޮށްފި އެވެ. ހުކުމް ކުރުމަށް އަޑުއެހުން ތާވަލުކޮށްފައިވަނީ މިރޭ 10:00 އަށެވެ.
ލޯންޗުކޮޅު މައްސަލާގައި ދައުވާކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރާއި އަހްމަދު ރިކާޒްގެ މައްޗަށެވެ. ދައުވާކޮށްފައިވަނީ ގާނޫނު ނަންބަރު 90/10 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މާއްދާގެ ދަށުން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި މައްސަލަ ބެއްލެވުމާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހަވާލުވެލައްވާފަ އެވެ. އޭގެފަހުން މައްސަލަ ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމާލެއްވި އެވެ. މި މައްސަލާގައި ހުލާސާ ބަޔާން އިއްވާފައިވަނީ ސިއްރުކޮށްގެންނެވެ. ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ވެސް ވަނީ ގައުމީ ސަލާމަތަށްޓަަކައި ސިއްރުކޮށްފަ އެވެ.
މި މައްސަލާގައި މިރޭ ހުކުމް އިއްވާއިރު، މިދިޔަ އާދިއްތަ ދުވަހު އަދީބުގެ މައްޗަށް ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށްފަހު ވެސް އަދީބު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.
ލޯންޗުކޮޅު މައްސަލާގައި އިތުރު ދައުވާއެއް ވެސް އަދީބުގެ މައްޗަށް ކޮށްފައިވެ އެވެ. ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މައްސަލާގެ އަޑުއެހުންތައް އަދި ނުނިމެ އެވެ.