ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމަށް ޓެރަރިޒަމްގެ އަމަލެއް އަދީބު ކުރައްވާފައިވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މި މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން މިރޭ އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެކުރިން ވެސް އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރީ ގާނޫނު ނަންބަރު 90/10 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ފަނަރަ އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.
މި މައްސަލާގައި އަދީބު އެދިގެން ލޯންޗެއްގައި ގޮއްވާލުމަށް ދެ އައިއީޑީ އެއް ތައްޔާރުކޮށްދިން ކަމަށް ބުނެ އެތަކެތި ހެދި ސިފައިންގެ މީހާ ޝަރީއަތުގެ މަޖިލީހުގައި ވަނީ ހެކި ބަސް ދީފަ އެވެ.
ލޯންޗުކޮޅު މައްސަލާގައި އިތުރު ދައުވާއެއް ވެސް އަދީބުގެ މައްޗަށް ކޮށްފައިވެ އެވެ. ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ. މި ދައުވާގެ ހުކުމް އަދި އިއްވާފައެއް ނުވެ އެވެ. ނަމަވެސް އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.