ހަބަރު

އަދީބުގެ ދެ ބޮޑީގާޑުންނަށް ވެސް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރާއި އަހްމަދު ރިކާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ. ދެ ބޮޑީގާޑުންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ.

މި ދެ މީހުންގެ މައްޗަށް މިރޭ އިއްވީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.

އަދީބުގެ ދެ ބޮޑީގާޑުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ރިޔާސީ ލޯންޗުކޮޅުގައި އަދީބުއާއެކު އާރަށަށް ގޮސް، އެ ލޯންޗުކޮޅުގައި އައިއީޑީއެއް ހަރުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލާގައި ދައުލަތުން ހެކި ހެކިވެރިން ވަނީ، ދެ ބޮޑީގާޑުން ވެސް އަދީބާއެކު އާރަށަށް ދިޔަ ކަމަށް ބުނެ ހެކި ބަސް ދީފަ އެވެ.