ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މާބިންހުރާ މައްސަލާގައި އަދީބާއި ޒިޔަތު އަދި ހާމިދަށް މިރޭ ހުކުމްކުރަނީ

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލާގެ ހުކުމް އިއްވުން މިރެއަށް ތާވަލުކޮށްފި އެވެ. ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ މިރޭ 11:00 ށެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ ހާމިދު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.

އަދީބާއި ޒިޔަތާއި ހާމިދުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި އެވެ.

އަދީބުގެ މައްޗަށް މިހާރު ވެސް 10 އަހަރާއި 15 އަހަރު ދުވަހުގެ ދެ ޖަލު ހުކުމް ވަނީ އައިސްފަ އެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި ޒިޔަތަށް މި ދައުވާގެ އިތުރުން ވެސް އެހެން ދައުވާއެއް ކުރެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ދަނީ ކުރިޔަށެވެ. ހާމިދުގެ މައްޗަށް އުފުލާފައިވަނީ މި ހިޔާނާތުގެ ދައުވާ އެކަންޏެވެ.