ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބަށް ކުރި ދެވަނަ ހުކުމް ވެސް އިސްތިއުނާފުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ރޭ އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް ނިންމައިފި އެވެ. އަދީބުގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ، ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލައި ރައީސް އަވަހާރަކޮށްލައްވަން މަސައްކަތްކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އަދީބަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ.

ރޭ ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، އަދީބުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކުރާނެ ކަމަށާއި މައްސަލައަށް އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރުވުމަށް ފުރުސަތާއި ވަގުތު ލިބުން ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ބައެއް ދުވަސް ދުވަހު އެއް ދުވަހައްހާ ތިން ޝަރީއަތް ވެސް އެބަ ކުރިއަށްދޭ، އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ދަތި ތައްޔާރުވާން، ހުލާސާ ބަޔާނަށް ތައްޔާރުވާން ވެސް ލިބުނީ އެއް ދުވަސް، ޖެހިޖެހިގެން ޝަރީއަތްތައް ކުރިއަށް ދާތީ ވަރަށް ދަތި ތައްޔާރުވާން، ދޫނިދޫގައި މި ލިބެނީ ދުވާލަކަށް ދޮޅު ގަނޑިއިރު، ހަފުތާއަކު ދެ ދުވަހު ބައްދަލުވަނީ، ޝަރީއަތުގައި މި ހިނގާ މައްސަލަތަކާ ބަލާފައި އެއީ ވަރަށް ކުޑަ ވަގުތު ކޮޅެއް ތައްޔާރުވާން،" ސިރާޖު ވިދާޅުވި އެވެ.

ހުކުމް އިންސާފުވެރި ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ސިރާޖު ވިދާޅުވީ، ހުކުމް އިންސާފުވެރި ނޫން ކަމަށް ބުނެ ވާހަކަ ނުދެއްކުމަށް ޝަރީއަތުން އަންގާފައިވާ ކަމަށެވެ.

މޭޑޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ހުށަހެޅި ޓަރަރިޒަމްގެ ދައުވާ ވެސް އަދީބުގެ މައްޗަށް ސާބިތުވެ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެ ހުކުމް ވެސް އިސްތިއުނާފުކުރުމަށް އަދީބު ވަނީ ނިންމަވާފަ އެވެ.

ވަކީލް ވިދާޅުވީ، ލިޔެކިޔުންތައް ލިބުނު އެންމެ އަވަހަކަށް ދެ މައްސަލަ ވެސް ހައިކޯޓަށް ވައްދާނެ ކަމަށެވެ.